Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ ރައްޔިތުންނަށް ޞުލްޙަވެރިކަމާއި ތަނަވަސްކަމާއި އަބުރުވެރި ދިރިއުޅުމެއް ލިބެންޖެހޭ ކަމަށާއި، ފަލަސްޠީނުގައި ތިބި އަޚުންނާއި އުޚުތުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމުގައި ރާއްޖެ ފަލަސްޠީނާއެކު އޮންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އަށް ފޮނުއްވި މެސެޖުގަ އެވެ.

ރައީސްގެ މެސެޖުގައި ވަނީ ދުވަހުގެ މުނާސަބަތުގައި ފަލަސްޠީނުގެ ރައްޔިތުންނާ، ފަލަސްޠީނުގެ ސަރުކާރު، އަމިއްލަ އިޚްތިޔާރުގެ ޙައްޤު ޙާޞިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ފަލަސްޠީނުގެ މައްސަލައިގައި ޞުލްޙަ ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ ދެ ދައުލަތުގެ ދެމެދު އޮންނަންޖެހޭނެ ޙައްލަކީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ޙައްލެއްކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މިކަމަށްޓަކައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ގޮވާލައްވާފަ އެވެ.

މީގެއިތުރުން ރައީސް ވަނީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ މި އިންތިޒާމާއި ޚިލާފަށް އެކަން އެއްފަރާތްކޮށް އަޅާ ފިޔަވަޅުތަކަކީ ޣައިރު ޤާނޫނީ ފިޔަވަޅުތަކެއްގެ ގޮތުގައި ވެސް ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ޙާލަތާއި ޙައްޤުތަކަކީ ބައިނަލްއަޤްވާމީ ގޮތުން އިސްކަންދޭ ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށެވެ. އަދި މިކަމުގެ އަލީގައި، ރާއްޖެ އިން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ދަރަޖަ ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިގަތުމާއި، ޙިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު ހަނދާންކޮށްދެމުން ގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.