Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

މެޗު ޕްރިވިއު: އިންގްލެންޑް-ވޭލްސް

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް މިރޭ ފަށާފައިވާއިރު މިރޭ ކުޅޭ ގްރޫޕް ބީގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ އިންގްލެންޑް އާއި ވޭލްސް އެވެ.

އިންގްލެންޑް އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިރާން އަތުން 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު އެޓީމު ވަނީ ދެވަނަ މެޗުގައި އެމެރިކާ އަތުން ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. މުބާރާތުގައި ވޭލްސް ކުޅުނު ފުރަތަމަ މެޗުގައި އެމެރިކާއާ ބައްދަލުކޮށް 1-1 އިން އެއްވަރުވިއިރު ދެވަނަ މެޗުގައި އިރާން އަތުން ވަނީ 2-0 އިން ބަލިވެފަ އެވެ. މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް އިންގްލެންޑަށް މިރޭ ބޭނުންވަނީ އެންމެ ޕޮއިންޓެއް ކަމަށްވާއިރު ވޭލްސް އަށް ދެވަނަ ބުރަށް ދެވޭނީ ތިން ގޯލުގެ ތަފާތަކުން އިންގްލެންޑް ބަލިކޮށްގެންނެވެ.

އިންގްލެންޑުން އެންމެފަހުން ވާދަކުރި ފަސް ވޯލްޑް ކަޕްގެ ތެރެއިން ދެވަނަ ބުރަށް ދަތުރު ނުކުރެވުނީ އެންމެ މުބާރާތެއްގަ އެވެ. އެއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން އިންގްލެންޑް މޮޅުވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުގެ ފަރާތުން ފެނިގެންދިޔަ ދަށް ކުޅުމާއެކު އިންގްލެންޑްގެ ސަޕޯޓަރުންގެ ނުރުހުން ވަނީ ޓީމަށް ބަންޑުންކޮށްލާފަ އެވެ. މިރޭގެ މެޗަށް އިންގްލެންޑް ނިކުންނައިރު ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭއިރު މޮޅަކާއެކު ގްރޫޕް ސްޓޭޖް ނިންމާލަން އިންގްލެންޑް އޮތީ ތައްޔާރަށެވެ.

މިއީ 1958 ވަނަ އަހަރަށްފަހު ވޭލްސް ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕް ކަމަށްވާއިރު އެންމެފަހުން އެޓީމުން ވާދަކުރި ވޯލްޑް ކަޕްގައި ވަނީ ކުއާޓާފައިނަލާ ހިސާބަށް ދަތުރުކޮށްފަ އެވެ. ވޭލްސް އަކީ ފާއިތުވި ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައި ޓީމަކަށްވީ ނަމަވެސް މިފަހަރުގެ މުބާރާތުގައި އެޓީމުގެ ފަރާތުން ފެނިގެންދިޔައީ ސަޕޯޓަރުން އުއްމީދުކުރި ވަރުގެ ކުޅުމެއް ނޫނެވެ. އެގޮތުން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ވޭލްސް އަށް އޮތީ ހަނި ފުރުސަތެއް ކަމަށްވާއިރު މި މުބާރާތުގެ ފުރަތަމަ ދެ މެޗުގައި އެޓީމުގެ ނަން މަޝްހޫރު ކުޅުންތެރިން ކަމަށްވާ ގެރެތް ބޭލް އާއި އާރޮން ރަމްސީ މެންފަދަ ކުޅުންތެރިން ފެނިގެންދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް ސަޕޯޓަރުން ހިތްހަމަޖެހޭ ވަރުގެ ކުޅުމަކާއެކު ރަނގަޅު ނަތީޖާއެއް ނެރުމަށް ވޭލްސް އިން މިރޭ އުއްމީދު ކުރެ އެވެ.

އިންގްލެންޑް

މިއީ އިންގްލެންޑުން، އިނގިރޭސިވިލާތުގެ ޓީމަކާ ދެކޮޅަށް ވޯލްޑް ކަޕްގައި ނިކުންނަ ފުރަތަމަ ފަހަރެވެ. މީގެކުރިން އިނގިރޭސިވިލާތުގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް އިންގްލެންޑް ބަލިވެފައެއް ނުވެ އެވެ.

ވޯލްޑް ކަޕްގައި ވާދަކުރި 14 ފަހަރުގެ ތެރެއިން އިންގްލެންޑް ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ބަލިވީ އެންމެ ދެ ފަހަރު އެވެ. އެއީ 1950 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ފާއިތުވި ދެ މެޗުގައި ނުފެނުނު އިންގްލެންޑްގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން ވަނީ މި މެޗަށް ފިޓްވެފަ އެވެ.

ވޭލްސް

ވޭލްސް އިން އެންމެފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅުވެފައެއް ނުވެ އެވެ. އޭގެތެރެއިން ފަސް މެޗުން ވޭލްސް ބަލިވެފައިވާއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން ވޭލްސް ބަލިވެފައިވާއިރު ބޮޑު މުބާރާތެއް މޮޅެއް ނުލިބި ވޭލްސް އިން މިހާތަނަށް ނިންމާލާފައެއް ނުވެ އެވެ. އެގޮތުން 1958 ގެ ވޯލްޑް ކަޕްގައި ވޭލްސް އިން އެއް މޮޅު، 2016 ގެ ޔޫރޯގައި ހަތަރު މޮޅު އަދި އެންމެފަހުން ބޭއްވި ޔޫރޯގައި އެއް މޮޅު ވޭލްސް އިން ހޯދި އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

ވޭލްސް އާއި އިންގްލެންޑް އެންމެފަހުން ކުޅުނު ހަ މެޗުން ވެސް މޮޅުވީ އިންގްލެންޑެވެ. އެ ހަ މެޗުގައި އިންގްލެންޑުން 11 ގޯލް ކާމިޔާބުކުރިއިރު އެޓީމު ކޮޅަށް ވަދެފައިިވަނީ އެންމެ ގޯލެކެވެ.

ވޭލްސް އާއި އިންގްލެންޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.