Last Updated: April 23, 23:56
Tuesday, April 23, 2024
ކުޅިވަރު

20 އަހަރު ފަހުން ސެނެގާލް ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގައި މިރޭ 2-1 އިން އިކުއެޑޯ ބަލިކުރުމަށްފަހު މުބާރާތުގެ ދެވަނަ ބުރަށް ސެނެގާލް ދަތުރުކޮށްފި އެވެ.

މިއީ 2002 ވަނަ އަހަރަށްފަހު ސެނެގާލް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ސެނެގާލްގެ މިހާރުގެ ކޯޗު އަލިއޫ ސިސޭ އަކީ އޭރު ސެނެގާލް ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. އެފަހަރު ސެނެގާލް ވަނީ މުބާރާތުގެ ކުއާޓާފައިނަލާ ހިސާބަށް ދަތުރުކޮށްފަ އެވެ.

މުބާރާތުގެ ދެވަނަ ބުރުން ސެނެގާލް ޖާގަ ހޯދީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ސެނެގާލް ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދާފަ އެވެ. ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދަތުރުކުރި ނެދަލޭންޑްސަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ނެދަލޭންޑްސް މިރޭ ވަނީ 2-0 އިން ގަތަރު ބަލިކޮށްފަ އެވެ. އިކުއެޑޯ މުބާރާތް ނިންމާލީ ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައި އޮވެ އެވެ. ގްރޫޕްގެ ފުލަށްދިޔަ ގަތަރަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ދެވަނަ ބުރުގައި ސެނެގާލް ބައްދަލުކުރާނީ ގްރޫޕް ބީ އިން އެއްވަނައަށްދާ ޓީމަކާ އެވެ. އަދި ނެދަލޭންޑްސް ކުޅޭނީ ގްރޫޕް ބީ އިން ދެވަނައަށްދާ ޓީމަކާ އެވެ.

ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ވެސް ސެނެގާލުންނެވެ. އެގޮތުން ފުރަތަމަ ހާފް ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ސެނެގާލަށް މި ގޯލް ކާމިޔާބުކޮށްދިނީ އިސްމާއިލާ ސާ އެވެ. މި ޕެނަލްޓީ ސެނެގާލަށް ލިބުނީ ވެސް ސާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ދެވަނަ ހާފްގައި ސެނެގާލުން ވަރަށް ބޮޑަށް ޑިފެންސިވް ކުޅުމެއް ކުޅެމުންދަނިކޮށް މެޗުގެ 67 ވަނަ މިނެޓްގައި މޮއިސެސް ކައިސޭޑޯ ވަނީ އިކުއެޑޯ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ކައިސޭޑޯ މި ގޯލް ކާމިޔާބުކުރީ ސެނެގާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

އިކުއެޑޯ އިން ނަތީޖާ އެއްވަރުކުރިތާ ތިން މިނެޓްފަހުން ސެނެގާލްގެ ކެޕްޓަން ކަލިދޫ ކުލިބާލީ ވަނީ އެޓީމަށް އަލުން ލީޑު ނަގާދީފަ އެވެ. ކުލިބާލީގެ މި ގޯލަކީ އިކުއެޑޯގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ވަރަށް ހަމަޖެހިލައިގެން ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. މިއީ އޭނާ ސެނެގާލްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލުވެސް މެ އެވެ.

މި ގްރޫޕްގައި މިރޭ ނެދަލޭންޑްސް އިން ގަތަރުގެ މައްޗަށް ކުރި ހޯދިއިރު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލް މެޗުގެ 26 ވަނަ މިނެޓްގައި ނެދަލޭންޑްސް އަށް ކާމިޔާބުކޮށްދިނީ ކޯޑި ގަކްޕޯ އެވެ. މިއީ ގަކްޕޯ މި މުބާރާތުގައި ކާމިޔާބުކުރި ތިންވަނަ ގޯލު ކަމަށްވާއިރު އޭނާ އަކީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ގޯލް ކާމިޔާބުކުރި ނެދަލޭންޑްސްގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ނެދަލޭންޑްސްގެ ދެވަނަ ގޯލް މެޗުގެ 49 ވަނަ މިނެޓްގައި ފްރެންކީ ޑިޔޮންގް ކާމިޔާބުކޮށްދިން އިރު މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި އެޓީމަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.

މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.