Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އިންޑިއާގެ އެހީއަކީ ރިޒާވަށް ލިބުނު ވަގުތީ ހައްލެއް

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޑިއާ އިން މިއަދު ދިން އެހީއަކީ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ވަގުތީ ހައްލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބަޖެޓް ސަޕޯޓަށް އިންޑިއާ އިން މިއަދު ވަނީ ދިވެހި ސަރުކާރަށް 100 މިލިއަން ޑޮލަރު ދީފަ އެވެ. މިއީ މި އަހަރުގެ އޮގަސްޓް މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިން ހަމަޖެހުނު މާލީ އެހީއެކެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނަކީ މިވަގުތަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި މިއީ ނެތެމުންދިޔަ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ވަގުތީ ހައްލެއް ކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓުކޮށްގެން ކަމަށެވެ.

އިންޑިއާ އިން މީގެކުރިން ވެސް ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެ އަށް މާލީ ގޮތުން އެހީ ފޯރުކޮށްދީފަ އެވެ.