Last Updated: April 23, 14:49
Tuesday, April 23, 2024
ކުޅިވަރު

މެޗު ޕްރިވިއު: އެމެރިކާ-އިރާން

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް މިރޭ ފަށާފައިވާއިރު މިރޭ ކުޅޭ ގްރޫޕް ބީގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ އެމެރިކާ އާއި އިރާން އެވެ.

އެމެރިކާ އިން މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ވޭލްސްއާ ބައްދަލުކޮށް 1-1 އިން އެއްވަރުވިއިރު އިންގްލެންޑާއި ބައްދަލުކުރި ދެވަނަ މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. އިރާންގެ ފުރަތަމަ މެޗުގައި 6-2 އިން އިންގްލެންޑް އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އިރާނުން ވަނީ ވޭލްސް 2-0 އިން ބަލިކޮށްފަ އެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް އިރާނަށް ދެވޭއިރު އެމެރިކާ މިރޭގެ މެޗުން މޮޅުވުން މަޖުބޫރެވެ.

ވޯލްޑް ކަޕްގައި އެންމެފަހުން އެމެރިކާ އިން ކުޅުނު ފަސް މުބާރާތުގެ ތެރެއިން އެޓީމަށް ދެވަނަ ބުރަށް ދަތުރު ނުކުރެވުނީ ދެ ފަހަރަކު އެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިން ހިމެނޭ ސްކޮޑަކާއެކު މި މުބާރާތާއި ކުރިމަތިލި އެމެރިކާ އަށް ފުރަތަމަ ދެ މެޗުން މޮޅެއް ހޯދިފައި ނުވި ނަމަވެސް އެ ދެ މެޗުގައި ވެސް އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. ނަމަވެސް ފުރަތަމަ ދެ މެޗުގައި ވެސް އެމެރިކާ ޓީމަށް ކުރިމަތިވި އެންމެ ބޮޑު އެއް މައްސަލައަކީ ލިބުނު ފުރުސަތުތައް ނިންމާ ނުލެވުމެވެ. މޮޅުވާން މަޖުބޫރު މެޗަކަށް އެމެރިކާ މިރޭ ނިކުންނައިރު މިއީ ރަނގަޅު ކުރަންޖެހޭ ކަމެކެވެ.

އޭޝިއާގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ އިރާނަށް ވޯލްޑް ކަޕްގައި މިހާތަނަށް ދެވަނަ ބުރުން ދުވަހަކު ވެސް ޖާގަ ހޯދިފައެއް ނުވެ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ނަމަވެސް އެއީ އިރާނުގެ ފެންވަރު ނޫންކަން ދެވަނަ މެޗުގައި އެޓީމުން ވަނީ ސާބިތުކޮށްދީފަ އެވެ. ފުރަތަމަ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު އިރާންގެ ފޯވާޑް ސަރްދާރް އަޒްމޫނާއެކު ދެވަނަ މެޗުގައި އިރާންގެ އެޓޭކް ވަރުގަދަވިކަން ފާހަގަވި އެވެ. އެއްވަރުކޮށްލައިގެން ދެވަނަ ބުރަށް ދެވެން އޮތް ނަމަވެސް އިރާނުން މިރޭ ނިކުންނަނީ އެމެރިކާ އަށް ފެންވަރު ދައްކާލާއި ދެވަނަ ބުރަށް ދިޔުމަށެވެ.

އެމެރިކާ

ވޯލްޑް ކަޕްގައި އެންމެފަހުން އެމެރިކާ އިން ކުޅުނު 14 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެ 14 މެޗުގެ ތެރެއިން ހަ މެޗުން އެމެރިކާ ބަލިވެފައިވެ އެވެ. ނަމަވެސް ވޯލްޑް ކަޕެއްގައި އެމެރިކާ މިހާތަނަށް ޖެހިޖެހިގެން ތިން މެޗުން އެއްވަރުވެފައެއް ނުވެ އެވެ.

ވޯލްޑް ކަޕްގައި ވާދަކުރި 8 ފަހަރުގެ ތެރެއިން އެމެރިކާ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ހަތް ފަހަރެއްގެ މަތިން ވަނީ ބަލިވެފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުން އެމެރިކާ އެންމެފަހުން މޮޅުވީ 2010 ވަނަ އަހަރު އެވެ. އެފަހަރު އަލްޖީރިއާގެ މައްޗަށް އެމެރިކާ ކުރި ހޯދީ 1-0 އިންނެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް އެމެރިކާ ޓީމުގައި ނެތެވެ.

އިރާން

އިރާނުން މިރޭ ނިކުންނަނީ ވޯލްޑް ކަޕެއްގައި ޖެހިޖެހިގެން ދެ މެޗުން ފުރަތަމަ ފަހަރަށް މޮޅުވުމަށެވެ. އިރާނަށް ވޯލްޑް ކަޕްގައި މިހާތަނަށް ހޯދިފައިވަނީ ތިން މޮޅެވެ.

ވޯލްޑް ކަޕްގައި އިރާނުން އެންމެފަހުން ކާމިޔާބުކުރި 8 ގޯލް ވެސް އެޓީމުން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފްގަ އެވެ.

އެމެރިކާއާ ދެކޮޅަށް އިރާނުން މިރޭ ނިކުންނައިރު ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި އިރާނުގެ ވިންގާ، އަލީ ރެޒާ ޖަހަންބަޝް އަށް ނުކުޅެވޭނެ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

ވޯލްޑް ކަޕްގައި އިރާނާއި އެމެރިކާ މީގެކުރިން ބައްދަލުކުރީ އެންމެ ފަހަރަކު އެވެ. 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު އެ މެޗު 2-1 އިން ކާމިޔާބުކުރީ އިރާނުންނެވެ. އަދި މިއީ 2000 ވަނަ އަހަރަށްފަހު އިރާނާއި އެމެރިކާ ވާދަވެރި މެޗެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ދެ ޓީމުގެ އެންމެފަހުގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އިރާނާއި އެމެރިކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.