Last Updated: April 23, 18:00
Tuesday, April 23, 2024
ކުޅިވަރު

އިންގްލެންޑާއި އެމެރިކާ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ އިން ދެވަނަ ބުރަށް އިންގްލެންޑް އަދި އެމެރިކާ ދަތުރުކޮށްފި އެވެ.

އިންގްލެންޑް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ ފަހު މެޗުގައި މިރޭ ވޭލްސް އަތުން 3-0 އިން މޮޅުވެގެންނެވެ. ގްރޫޕްގެ ފަހު މެޗުގައި އެމެރިކާ މިރޭ ވަނީ 1-0 އިން އިރާން ބަލިކޮށްފި އެވެ.

މި މޮޅާއެކު ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އިންގްލެންޑް ވަނީ ގްރޫޕްގެ އެއްވަނަ ހޯދާފަ އެވެ. ގްރޫޕްގެ ދެވަނަ ހޯދި އެމެރިކާ އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިންވަނަ ހޯދި އިރާނަށް ތިން ޕޮއިންޓް ލިބުނުއިރު ގްރޫޕްގެ ފުލަށްދިޔަ ވޭލްސް އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އިންގްލެންޑް ބައްދަލުކުރާނީ އެފްރިކާގެ ޗެމްޕިއަނުން ކަމަށްވާ ސެނެގާލްއާ އެވެ. އެމެރިކާ ނިކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.

އިންގްލެންޑް އާއި ވޭލްސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު އިންގްލެންޑްގެ ފުރަތަމަ ގޯލް މެޗުގެ 50 ވަނަ މިނެޓްގަައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. ރަޝްފޯޑް މި ގޯލް ކާމިޔާބުކުރީ ވޭލްސްގެ ޕެނަލްޓީއޭރިއާ ކައިރިން ލިބުނު ހިލޭޖެހުމެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ހިލޭޖެހުމަކުން ކުޅުންތެރިއަކު ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މި ގޯލް ކާމިޔާބުކުރިތާ މިނެޓެއްފަހުން ހެރީ ކޭން ވޭލްސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ފިލް ފޮޑެން ވަނީ އިންގްލެންޑްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. އަދި އިންގްލެންޑްގެ ތިންވަނަ ގޯލް މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން ރަޝްފޯޑް އެވެ. މި ތިން ގޯލަށްފަހު ވެސް މި ހާފުގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް އިންގްލެންޑް ލިބިފައިވެ އެވެ.

އެމެރިކާ އިން މިރޭ އިރާންއާ ދެކޮޅަށް ނިކުތް އިރު ދެވަނަ ބުރަށް ދިޔުމަށް މި މެޗުން މޮޅުވާން އެމެރިކާ އަށް އޮތީ މަޖުބޫރުވެފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފްގައި އެމެރިކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް އެމެރިކާ އަށް މެޗުގެ 38 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ. ޕުލިސިޗް މި ގޯލް ކާމިޔާބުކުރީ އިރާންގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި އިރާނުން ކުޅުން ރަނގަޅު ކުރި ނަމަވެސް ގޯލެއް ކާމިޔާބު ކުރާނެ މާ ރަނގަޅު ފުރުސަތެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެ އެވެ. އެގޮތުން މުޅި މެޗުގައި ވެސް އިރާނަށް އެމެރިކާގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

ދެވަނަ ބުރުގައި އިންގްލެންޑް އާއި ސެނެގާލް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ. އެމެރިކާ އާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.