އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ހުއްޓުވާނެ ފޯމިއުލާއެއް ނެތް ކަމަށް ޕޮލެންޑްގެ ކޯޗު ޗެލްސޯވް މިހްނިއޭވިޗް ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑުން މިރޭ އާޖެންޓީނާއާ ދެކޮޅަށް ނިކުންނައިރު މި މެޗު އެއްވަރުކޮށްލައިގެން ވެސް މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ދެ ޓީމަށް ވެސް އެބައޮތެވެ.
މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން ޕޮލެންޑްގެ ކޯޗު ބުނީ މެސީ އަކީ ހުރިހާ ކުޅުންތެރިން ކައިރިން ވެސް ނައްޓާލުމަށްފަހު ދެވޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށާއި މެސީ ވަށައިގެން ކުޅުންތެރިން ތިބެންޖެހެނީ އެހެންވެގެން ކަމަށެވެ. ހަމައެކަނި އެއް ކުޅުންތެރިއަކަށް މެސީ ނުހުއްޓުވޭނެ ކަމަށާއި އެކަން ކުރަންޖެހޭނީ ޓީމެއްގެ ގޮތުގައި ކަމަށްވާއިރު އެކަން ކުރަން ޓީމު އޮތީ ތައްޔާރަށް ކަމަށް މިހްނިއޭވިޗް ބުންޏެވެ.
ވޯލްޑް ކަޕްގައި މިހާތަނަށް އާޖެންޓީނާ އިން ކުޅުނު ދެ މެޗުގައި ވެސް މެސީ ގޯލް ކާމިޔާބުކޮށްފައިވާއިރު މިހްނިއޭވިޗް ބުނީ ފާއިތުވި 18 އަހަރު މުޅި ދުނިޔެ ވެސް މެސީ ހުއްޓުވާނެ ގޮތެއް ހޯދޭތޯ ބަލައިފި ކަމަށާއި ނަމަވެސް މެސީ ކުޅޭހާ ދުވަހަކު އޭނާ ހުއްޓުވާނެ ގޮތެއް ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"އެންމެން ވެސް ބަލަމުން އަންނަނީ އެކަން ކުރާނެ ގޮތަކާ މެދު. އެކަމަކު މެސީ ހުއްޓުވާނެ ފޯމިއުލާއެއް އެކަކަށް ވެސް ނުހޯދޭނެ." މެސީ އަށް ތައުރީފް ކުރަމުން މިހްނިއޭވިޗް ބުންޏެވެ.
މެސީގެ ސަޕޯޓަރެއްކަން ހާމަކުރަމުން ޕޮލެންޑްގެ ކޯޗު ވަނީ މެސީ އަށް އިހުތިރާމް ކުރި ނަމަވެސް އާޖެންޓީނާ ބަލިކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ. އަދި މި މެޗަށް ނިކުންނާނީ އެއްވަރު ކުރުމުގެ ވިސްނުމެއްގައި ނޫން ކަމަށާއި މެޗުގެ ކުރީކޮޅު ގޯލެއް ކާމިޔާބު ކުރަން ޓީމުން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
އާޖެންޓީނާ އާއި ޕޮލެންޑް 11 ފަހަރެއްގެ މަތިން މީގެކުރިން ބައްދަލުކޮށްފައިވާއިރު އޭގެތެރެއިން ހަ މެޗު ކާމިޔާބުކޮށްފައިވަނީ އާޖެންޓީނާ އިންނެވެ.
އާޖެންޓީނާ އާއި ޕޮލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.