Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ވޯލްޑް ކަޕަށް އަލަށް އަންހެން ރެފްރީއެއް

ފިރިހެނުންގެ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް އަންހެނަކު ރެފްރީކަން ކުރުމަށް ތައްޔާރުވެއްޖެ އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް އީގައި މާދަމާ ރޭ ޖަރުމަނާއި ކޮސްޓަރީކާ ބައްދަލުކުރާ މެޗުގައި ރެފްރީކަން ކުރާނީ ފްރާންސަށް އުފަން ސްޓެފަނީ ފްރެޕާޓް އެވެ. އެ މެޗުގެ އެސިސްޓެންޓް ރެފްރީންނަށް ވެސް ހަމަޖައްސާފައިވަނީ ދެ އަންހެނުންނެވެ. އެއީ ބްރެޒިލްގެ ނެއުޒާ ބެކް އާއި މެކްސިކޯގެ ކެރެން ޑިއާޒް އެވެ.

އެ މެޗުގައި ރެފްރީކަން ކުރާ ފްރެޕާޓް ވަނީ މި މުބާރާތުގައި މެކްސިކޯ އާއި ޕޮލެންޑް ކުޅުނު މެޗުގެ ހަތަރުވަނަ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވެ ފިރިހެނުންގެ ވޯލްޑް ކަޕެއްގައި ހަރަކާތްތެރިވި ފުރަތަމަ އަންހެން އޮފިޝަލުގެ ޝަރަފް ހޯދާފަ އެވެ.

މީގެއިތުރުން ފްރެޕާޓް ވަނީ 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ވެސް ރެފްރީކަން ކޮށްފަ އެވެ. އެއީ ފިރިހެނުންގެ ޗެމްޕިއަންސް ލީގު ފައިނަލެއް އަންހެން ރެފްރީއަކު އިންސާފުކުރި ފުރަތަމަ ފަހަރެވެ.

ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕަށް ނެގި އޮފިޝަލުންގެ ތެރެއިން ހަ އޮފިޝަލުންނަކީ އަންހެނުންނެވެ. އޭގެތެރޭގައި ހިމެނެނީ ތިން ރެފްރީންނާއި ތިން އެސިސްޓެންޓް ރެފްރީންނެވެ.