Last Updated: July 4, 06:42
Friday, July 4, 2025
ޚަބަރު

ރާއްޖޭގެ މިނިވަންކަން ރަހުނުކޮށްފި: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: މަޖިލިސް

ރާއްޖޭގެ މިނިވަންކަން ރަހުނުކޮށްފައިވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.

އަލީ ވިދާޅުވީ މިއީ ވަށާ ޖެހޭ ދަރަނީގެ ދުނިޔެ ކަމަށާއި ދަރަނި ދައްކަން ވެސް ނަގަނީ ދަރަނި ކަމަށެވެ. އަދި އެ ދެރަނި ދައްކަން ޓީ ބީލް އަދި ޓީ ބިލަށް ފައިސާ ދައްކަން އަނެއްކާވެސް ނަގަނީ ދަރަނި ކަމަށް އަލީ ވިދާޅުވި އެވެ.

"ރަހުނުކޮށްފައި އޮތީ ދިވެހިރާއްޖޭގެ މިނިވަންކަން" އަލީ ވިދާޅުވި އެވެ.

ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދިވެހި ސަރުކާރަށް 100 މިލިއަން ޑޮލަރު ދީފައިވަނީ މި އަހަރުގެ އޮގަސްޓް މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީން ބުނީ މި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓުކޮށްގެން ކަމަށެވެ.

އިންޑިއާ އިން މީގެކުރިން ވެސް ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެ އަށް މާލީ ގޮތުން އެހީ ފޯރުކޮށްދީފަ އެވެ.