Last Updated: April 19, 06:03
Friday, April 19, 2024
ޚަބަރު

ކޮވިޑުން އަރައިގަތީ ޕްރައިވެޓް ސެކްޓަރުގެ އެހީއާ އެކީ

ރާއްޖެ ކޮވިޑް-19 ގެ ބަލިމަޑުންކަމުން އަރައިގަތީ ސަރުކާރާ އެއްވަރަށް ޕްރައިވެޓް ސެކްޓަރުން ވެސް ކުރި މަސައްކަތަކާ އެކީ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި، "ގޯލްޑް 100 ގާލާ" ހަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުައި ފައިސަލް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ކުރިމަތިވި އިގުތިސާދީ ގެއްލުންތަކުން އަރައިގަނެވުނީ ސަރުކާރާ އެކު ޕްރައިވެޓް ސެކްޓަ ކުރި މަސައްކަތުން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމި އޮންނަނީ އެ ޤައުމެއްގެ އިޤުތިޞާދު ބިނާވެފައިވާ ގޮތުގެ މައްޗަށް ކަމަށާއި ރާއްޖޭގެ އިގުތިސާދު ހިފެހެއްޓުމުގައި ޕްރައިވެޓް ސެކްޓަރު ކުރާ މަސައްކަތްތައް ބޮޑު ކަމަށެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަކީ މުޅިން ޕްރައިވެޓް ސެކްޓާގެ މައްޗަށް ބިނާވެފައިވާ ސިނާޢަތެއްކަން ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު އެއް ސިނާޢަތެއްގެ މައްޗަށް ބަރޯސާކޮށްގެން ތިބޭ ތިބުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އިގުތިސާދު ސިންދަފާތު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަމަށް ގޮންޖެހުންތައް އޮތްކަން ވެސް ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން ކަމަށާއި ކޮވިޑްގެ ޙާލަތުގައި ވިޔަފާރިތަކަށް ސަރުކާރުން ވަރަށް ގިނަ މާލީ އެހީތެރިކަން ވެސް ފޯރުކޮށް ދިން ކަމަށެވެ.

ރޭ ހަފްލާގައި، "ގޯލްޑް 100" މެގަޒިން ނެރެދެއްވުމުގެ އިތުރުން، ޙަޔާތީ އަރުތައިގެ އެވޯޑް ލިބިވަޑައިގެންނެވި ދަމާސް ކޮމްޕެނީގެ ޗެއާމަން މުޙައްމަދު ޞާލިޙަށް ނައިބު ރައީސް އެވޯޑް ހަވާލުކޮށްދެއްވި އެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ހަފުލާގައި ލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް އެވޯޑް ހަވާލުކޮށްފައިވެ އެވެ.

"ގޯލްޑް 100 ގާލާ" ހަފުލާ އަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުޞަތުތައް ހޯދާ ފަރާތްތަކަށް ވެސް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަފުލާއެކެވެ. އެ ހަފުލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއާމަނުންނާއި، މެނޭޖިން ޑިރެކްޓަރުންނާއި ސީއީއޯއިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އެހެނިގެން އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.