Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ނަޝީދު އެމްޑީޕީގެ ޕްރައިމަރީ އަށް

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ދޭނެ މީހަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ނަޝީދުގެ ކެމްޕޭން ޓީމްގައި ހިމެނޭ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކެމްޕޭން ރަސްމީކޮށް އަންނަ ހުކުރު ދުވަހު ލޯންޗްކުރާނެ އެވެ. އަދި އެ ހަފުލާ އޮންނާނީ ގދ. ތިނަދޫގައި ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ޕްރައިމަރީގައި ވާދަކުރައްވަން އުޅުއްވާ ވާހަކަ މި ފަހުން ވަރަށް ބޮޑަށް ދެކެވެމުން ދިޔަ ނަމަވެސް އެކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރަސްމީކޮށް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، ރައީސާ އެކީ ސިޔާސީ މަސައްކަތްކުރައްވަން ބޭނުން ނުވާ ކަމަށާއި ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދުކުރެވެން ނެތް ކަމަށް ވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ

ރައީސާއި ނަޝީދާ ދެމެދު ނުތަނަވަސްކަން އުފެދި، އެމްޑީޕީ މިހާރު އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ.

ރައީސް ސޯލިހަށް ތާއީދުކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ މިނިސްޓަރުންގެ އިތުރުން އާންމު މެމްބަރުން ބުނާ ގޮތުގައި ރައީސަށް ދެވަނަ ދައުރެއް ދޭން ޖެހެ އެވެ. ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން ރައީސް އިއުލާންކުރެއްވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ރައީސް ނަޝީދަކީ ވެރިކަން ކުރައްވަން ލިބިވަޑައިގަތް ފުރަތަމަ ދައުރުގައި، ދައުރުގެ މެދުތެރެއިން ފެބްރުއަރީ 7، 2012 ގައި އަމިއްލަ އަށް އިސްތިއުފާ ދެއްވި ބޭފުޅެކެވެ. އެކަމަކު ފަހުން ވިދާޅުވީ ވެރިކަން ބަޢާވާތަކުން ވައްޓާލީ ކަމަށެވެ.