Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ އެވެ.

ކުރީގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު އުމުރުން 72 އަހަރުގައި މިއަދު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އިބްރާހީމް މަނިކަކީ ބްރޯޑްކާސްޓިން އޭނަގެ ހަޔާތުގައި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ވެސް ގިނަ ފުރުސަތުތަކެއް ފަހި ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން ދިވެހި ފަންނާނުން އުފައްދާ އަލްބަމްތަކާއި ޑްރާމާ އަދި ފިލްމްތައް ޓީވީއެމާއި އަޑަށް ގަނެ އެ ތަކެތި އާންމުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސެވި އެވެ.

މީގެ އިތުރުން އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕާއި ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތް ވަގުތުން ރާއްޖެ އަށް ފެންނާނެ ގޮތް ހެދުމުގައި ވެސް އިސްކޮށް ހުންނެވީ އިބްރާހީމް މަނިކެވެ. އިބްރާހީމް މަނިކަކީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ދެހާސް ހައެއްގައި ޔޫތު މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން 32 އަހަރު އިބްރާހީމް މަނިކު ވަނީ މެދުކެނޑުމެއް ނެތި ބްރޯޑްކާސްޓިން ދާއިރާ އަށް ހިދުމަތްތަކެއް ކުރައްވައިފަ އެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމްތަކުގެ ތެރެއިން "ބާއްޖަވެރި ހެނދުނު" އާއި ޑްރާމާތައް ކަމަށްވާ "ގިތެޔޮގުޅިން ނެގި ލޯބި" އާއި "ނެގި ގާގަނޑު" ފަދަ އުފެއްދުންތަކަކީ އިބްރާހީމްގެ މަނިކުގެ ދައުރު ވަރަށް ބޮޑު އުފެއްދުންތަކެކެވެ.

އިބްރާހީމް މަނިކަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް މި އަހަރު ލިބިވަޑައިގަތެވެ. އޭނަ އަށް 1996 ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ވެސް ލިބިވަޑައިގެންފައިވެ އެވެ.