Last Updated: April 20, 11:39
Saturday, April 20, 2024
ދުނިޔެ

ޔޫކޭގައި މުސްލިމުން އިތުރުވަނީ

އިނގިރޭސިވިލާތާއި ވޭލްސްގެ މެޖޯރިޓީ އަކީ މިހާރު ކްރިސްޓިއަން ދީނުގެ މީހުން ނޫން ކަމަށާއި އެ ގައުމުތަކުގައި މިހާރު މުސްލިމުންގެ އާބާދީ އިތުރުވަމުން އަންނަ ކަމަށް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުން ދައްކައިފި އެވެ.

ބޯހިމެނުމާ ގުޅޭ ގޮތުން އޮފީސް ފޯ ނެޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް) އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މީގެ މީގެ 10 އަހަރު ކުރިން 2011 ގައި ބޯހިމެނުމުން ދައްކާ ގޮތުގައި އިނގިރޭސިވިލާތާއި ވޭލްސްގެ އާބާދީގެ 59 ޕަސެންޓަކީ ކްރިސްޓިއަނުން ކަމަށް ވިޔަސް މިދިޔަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެ ދީން ގަބޫލުކުރާ މީހުންގެ އާބާދީގެ ނިސްބަތަކީ ދެ ގައުމުގައި މިހާރު 46 ޕަސެންޓެވެ.

މުސްލިމުންގެ އިތުރުވަމުން އަންނަ ނިސްބަތަށް ބަލާ އިރު 2011 ގައި އިނގިރޭސިވިލާތާއި ވޭލްސްގައި މުސްލިމުންގެ ނިސްބަތަކީ 5 ޕަސެންޓެވެ. އެކަމަކު ފަހުގެ ނަތީޖާ ދައްކާ ގޮތުގައި އެ ނިސްބަތް މިހާރު ވަނީ 6.5 ޕަސެންޓަށް އިތުރުވެފަ އެވެ.

ބޯހިމެނުގެ ނަތީޖާއިން ދައްކާ ގޮތުގައި އެއްވެސް ދީނެއް ގަބޫލުނުކުރާ މީހުންގެ ނިސްބަތަކީ މިހާރު 37 ޕަސެންޓެވެ. މީގެ 10 އަހަރު ކުރިން އެ ނިސްބަތް އުޅުނީ 25 ޕަސެންޓަގަ އެވެ. އޯއެންއެސް އިން ބުނި ގޮތުގައި އިނގިރޭސިވިލާތާއި ވޭލްސްގައި ކްރިސްޓިއަން ދީންގެ އާބާދީ ދަށްވެ، މުސްލިމުންގެ އާބާދީ އިތުރުވަމުން އަންނަ އިރު، އެހެން ބައެއް ދީންތަކަށް ތަބާވާ މީހުންގެ ނިސްބަތް ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފަހެއްޓެހި އެވެ. އޭގެ ތެރޭގައި ހިންދޫ، ބުޑިސްޓް، ސިކް ފަދަ ދީންތައް ހިމެނެ އެވެ.