Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ވިޕާ ހިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅާ: ރީކޯ

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ފާސްކުރި އިރު، އެއަށް ވޯޓް ނުދިން މެމްބަރުންނަށް އަވަހަށް ފިޔަވަޅު އެޅުމަށް އެ ޕާޓީއާ އަލުން ގުޅިވަޑައިގަތް ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ޓެގް ކުރައްވައި މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ސިޔާސީ ކުރިމަގު ބިނާވެފައި އޮންނަނީ މަޖިލީހުގައި ޕާޓީ ތަމްސީލުކުރާ ގޮތުގެ މައްޗަށް ކަމަށެވެ.

"ޕާޓީގެ ވިޕްލައިން ބްރޭކްކޮށް ހިތުހުރިހާ އެއްޗެއް ގޮވާފައި ގަދަފައި ވިއްދީމަ ލަދުވެތިވުން ފިޔަވައި އެހެން ކަމެއް ނުވާނެ،" މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި މޫސަ ވިދާޅުވި އެވެ. "އުސޫލާ ޚިލާފުވު މީހުންނަށް ފިޔަވަޅު އަޅުއްވާ."

ބަޖެޓަށް ވޯޓް ނުދިން މެމްބަރުންނަށް އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އަސްލަމް ވިދާޅުވުމާ ގުޅިގެން، ވޯޓް ނުދެއްކި އެކި މެމްބަރުން މިހާތަނަށް "ގަދަބަސް" ވިދާޅުވެފަ އެވެ.

ބަޖެޓަށް ވޯޓް ނުދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރަށް ފާޑު ވިދާޅުވާ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ތިއްބެވި މެމްބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް މެމްބަރެކެވެ.

އެ މެމްބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދާ (ބޮންޑެ) އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރުގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.