Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކުރީގެ ފިލްމީ ތަރި ޝިޔާމަށް ސިޔާސީ މަގާމެއް

ފިލްމީ ތަރި ޔޫއްޕެއާ އެކީ އަލީ ޝިޔާމް (ކ).

އިންޑިއާގައި ދިރިއުޅެމުން އަންނަ ރާއްޖޭގެ ކުރީގެ ފިލްމީ ތަރި އަލީ ޝިޔާމަށް މި ސަކާރުން ސިޔާސީ މަގާމެއް ދީފި އެވެ.

އެނގިފައިވާ ގޮތުގައި އޭނަ އަށް ދީފައި ވަނީ ތިރިނަވަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ވަޒީފާއެކެވެ. އަލީ ޝިޔާމަކީ މި ފަހަކަށް އައިސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކޮށް، ޓްވިޓާގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ މީހެކެވެ.

އޭނަ އާއިލާއާ އެކީ އިންޑިއާގައި ދިރިއުޅެމުން އަންނަތާ މިހާރު ގިނަ އަހަރުތަކެއްވެއްޖެ އެވެ.

އަލި ޝިޔާމަކީ 1990 ގެ ތެރޭގައި އާންމުންގެ ތެރޭގައި ވިދާލި އެކްޓަރެކެވެ. އެ ދުވަސްވަރުގެ އެންމެ މަޝްހޫރު ބަތަލާއިންނާ އެކީ އޭނަ ވަރަށް ގިނަ ވީޑިއޯ ލަވަތައް ކުޅެފައިވެ އެވެ. އެގޮތުން މަރިޔަމް ނިޝާ އާއި އައިޝަތު ޝިރާނީ އާއި ނިއުމާ މުހައްމަދާއި ޒީނަތުގެ އަސްބާސްގެ އިތުރުން ވަލީދާ ވަލީދު ފަދަ ބަތަލާއިންނާ އެކީ ލަވަތައް ކުޅެފައިވެ އެވެ.

އަލީ ޝިޔާމް ބުނެފައިވާ ގޮތުގައި އޭނަ ކުޅުނު ވީޑިއޯ ލަވަތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭ ލަވަ އަކީ ޝިރާނީއާ އެކީ ކުޅުނު "ކީއް މި ވަނީ؟" އެވެ.