Last Updated: April 20, 09:47
Saturday, April 20, 2024
މުނިފޫހިފިލުވުން

ބޮންޑްގެ ރޯލަށް އާ ތަރިއެއްގެ ވާހަކަ

ޖޭމްސް ބޮންޑްގެ ރޯލު ދެން ކުޅޭނެ ކަމަށް ބެލެވެނީ އިނގިރޭސި އެކްޓަރު އާރޮން ޓޭލާ-ޖޯންސަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ގިނަ މީޑިއާތަކުން ބުނި ގޮތުގައި ހިޔާލީ އިނގިރޭސީ ޖާސޫސީ އޭޖެންޓްގެ ރޯލު ދެން ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން ވަރަށް ބޮޑަށް ބަހުސްކުރެވެމުން އަންނަ އިރު، 32 އަހަރުގެ އެކްޓަރު ވަނީ ބޮންޑްގެ ރޯލަށް އޮޑިޝަނެއް ވެސް ހަދައިފަ އެވެ. ދަ ސަން އިން ރިޕޯޓްކޮށްފައިވާ ޕްރޮޑިއުސަރު ބާބަރާ ބްރޮކޮލީގެ ދައުވަތަކަށް ޕައިންވުޑް ސްޓޯޑިއޯގައި އާރޮން އޮޑިޝަން ހެދީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެެވެ.

އެގޮތުން އޮޑިޝަނާ މެދު ފިލްމުގެ ޓީމުން ވަރަށް ހިތްހަމަޖެހިފައި ތިބި ކަމަށާއި ބޮންޑްގެ 26 ވަނަ ފިލްމުން ޒުވާން އެކްޓަރު ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މީޑިއާތަކުން ބުންޏެވެ.

ބޮންޑްގެ ރޯލަށް އާ އެކްޓަރަކު ހޯދަން ޖެހިފައި މިއޮތީ އެ ސީރީޒްގެ އެންމެ ފަހުގެ ފަސް ފިލްމުގައި ޓައިޓްލް ރޯލު ކުޅުނު ޑެނިއަލް ކްރެއިގް މިދިޔަ އަހަރު ބޮންޑަށް އަލްވަދާއު ކިޔުމާ ގުޅިގެންނެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި "ނޯ ޓައިމތް ޓު ޑައި" އާ އެކީގަ އެވެ.

ޑެނިއަލްގެ ފަހުން ބޮންޑްގެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ ބަހުސް މީޑިއާގައި ކުރެވެމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ އެވެ. އެގޮތުން މި ފަހުޮން އެންމެ ބޮޑަށް ރޯލާ ގުޅުވައިގެން ދެކެވުނީ އެކްޓަރު ޓޮމް ހާޑީގެ ވާހަކަ އެވެ.

މިހާތަނަށް ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އާރޮންގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރި ބްރެޑް ޕިޓްގެ "ބްލެޓް ޓްރެއިން" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ކްރެވެން ދަ ހަންޓާ" އާއި "ދަ ފޯލް ގާއި" ހިމެނެ އެވެ.

އާރޮން ވަނީ އޭނަގެ 2009 ގެ ފިލްމު "ނޯވެއާ ބޯއި" ގެ ޑައިރެކްޓަރު ސޭމް ޓޭލާ-ވުޑް،55، އާ 2012 ގައި ކައިވެނިކޮށްފަ އެވެ. އެ ކައިވެންޏަށް ދެ ކުދިން ވެސް އެބަތިއްބެވެ. ސޭމްގެ ކުރީގެ ކައިވެންޏަށް ވެސް ދަ ދަރިން ލިބިފައިވެ އެވެ.