Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އިބްރާހީމް މަނިކުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ފޮޓޯ: ރައީސް އޮފީސް

ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އިބްރާހީމް މަނިކު އަވަހާރަވީ މިއަދު އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

އިބްރާހީމް މަނިކަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި، ހާއްސަކޮށްފ ދިވެހިރާއްޖޭގެ އަޑުގައި އަމަލީގޮތުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި އާންމުން ޝައުޤުވެރިވި އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައި، މި ދާއިރާއަށް ވަރަށް މުހިންމު ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

އިބްރާހީމް މަނިކަކީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ބްރޯޑްކާސްޓިންގ ދާއިރާގެ އިތުރުން، އެ މަނިކުފާނަކީ މިނިސްޓަރ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓްގެ ޗެއަރމަން ކަމުގެ މަގާމުވެސް ފުރުއްވިއެވެ. އަދި 6 އޮގަސްޓު 2008 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ދިވެހި ދައުލަތުގެ މިނިސްޓަރު ކަމުގެ މަގާމުގައެވެ.