Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ޖަލު އަނިޔާގެ މައުލޫމާތު ދޭން އިތުރު ފުރުސަތެއް

ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ލާއިންސާނީ ދަށުދަރަޖައިގެ އަނިޔާތަކާ ބެހޭގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ސިއްރު އަޑުއެހުންތަކުގައި ބަޔާން ދިނުމަށް ނަން ނޯޓުކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ އަޑުއެހުންތަކުގައި ބަޔާން ދިނުމަށްޓަކައި ނަން ނޯޓު ކުރުމުގެ މުއްދަތު އަންނަ މަހުގެ އަށް ވަނަ ދުވަހުގެ 14:00އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ސިއްރުކޮށްގެން ބާއްވާ އެ އަޑުއެހުންތަކުގައި ބަޔާން ދޭން ބޭނުންވާ ފަރާތްތަކުން އެމީހެއްގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރަކާއި، ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެހާއި ކަމާ ގުޅޭ މައުލޫމާތު ދެވިދާނެ ހައިސިއްޔަތު ނުވަތަ މައުލޫމާތު އެނގޭ ގޮތް އެ އޮފީހަށް ހިއްސާކޮށްދިނުމަށް އެދިފަ އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ބުނިގޮތުގައި އެފަދަ މައްސަލަތަކުގެ ތެރެއިން ބަޔާން ދެވޭނީ ޖަލުތަކުގައި 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު 17އާ ދެމެދު ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކުގަ އެވެ.