Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އަތުލައިގަތް ލަންކާގެ މަސްބޯޓްތައް މާލެ އަށް

ޤާނޫނާ ޚިލާފަށް ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ ސްރީލަންކާގެ ތިން މަސްބޯޓް، މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ ބޯޓްތައް ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރެއިންނެވެ. ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި މިދިޔަ މަހުގެ 30 ގަ އެވެ. ލަންކާގެ މި ތިން ބޯޓްގެ ތެރެއިން ދެ ބޯޓަކީ "ބަނޫޒަން" ނަމަކަށް ކިޔާ ބޯޓަކާއި "ރަތު 01" ނަމަކަށް ކިޔާ ބޯޓެކެވެ. މިއިން ކޮންމެ ބޯޓެއްގައި ވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިއްބެވެ.

ތިންވަނަ މަސްބޯޓަކީ "ލަކްޕްވިޔާ ދެނެތު" ނަމަކަށް ކިޔާ މަސް ބޯޓެކެވެ. ހަތް ފަޅުވެރިންނާ އެކީ މަސްވެރިކަން ކުރަމުންދިޔަ އެ ބޯޓް ކޯސްޓްގާޑުގެ ދަށަށް ގެންދިޔައީ މި މަހުގެ 1 ގަ އެވެ.

މި ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިހުރި އިރު، ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ހުއްޓެވެ.