Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހުޅުމާލޭގައި ކޮމިއުނިޓީ ހަބެއް ހަދަން އެއްބަސްވުމެއް

ހުޅުމާލޭގައި ދިރިއުޅޭ މީހުން ތިމާވެއްޓަށް އަހުލުވެރިކުރުވުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޖަމިއްޔާއަކާ އެކީ އެއްބަސްވުމެއް ހަދައިފި އެވެ.

އެ ކުންފުނިން އެއްބަސްވުން ހެދީ ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރާ އަލޯހާ ކުލަބާ އެވެ. އެގޮތުން އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އުޅޭ އެކި އުމުރުގެ މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރަން ކޮމިއުނިޓީ ހަބައެއް ޑިވެލޮޕްކޮށް އެކަން މެނޭޖްކުރާނެ އެވެ.

މިކަމާ ބެހޭ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލޯހާ ކުލަބާ އެކީ ވެވުނު އެއްބަސްވުމުގެ ސަބަބުން ދުޅަހެޔޮ ހަރަކާތްތަކެއްގެ ތެރެއިން ކަނޑުގެ ދިރުންތަކާއި ތިމާވެށި ރައްކާތެރިކުރުމަށް އަހުލުވެރި ކުރެވޭނެ ކަމަށެވެ.

"އަދި މި ކަންކަމަށް ޝައުގުވެރިވާ ޖީލެއް ބިނާވެގެން ދާނެ ކަމަށް އުއްމީދު ކުރަން." އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން މިފަދަ އެތައް ކަމެއް ކުރަމުންނެވެ.