Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ހުޅުމީދޫ ސިއްހީ މަރުކަޒުން އާ ހިދުމަތްތަކެއް

އައްޑޫ ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް ފެށި ހިދުމަތްތައް ނައިބު ރައީސް ނައިބު ފައިސަލް ނަސީމް މިއަދު އިފުތިތާހުކޮށް ދެއްވައިފި އެވެ.

އެ މަރުކަޒުގައި އަލަށް ފަށާފައި ވަނީ ލޮލުގެ ފަރުވާ އާއި ދަތުގެ ފަރުވާ އާއި ކަރުންމަތީގެ ބަލިތަކުގެ ފަރުވާގެ އިތުރުން އެކްސްރޭގެ ޚިދުމަތާއި ފިޒިއޮތެރަޕީ އާއި ޑަޔަލަސިސްގެ ހިދުމަތެވެ. ހުޅުމީދޫ ސިއްހީ މަރުކަޒަކީ، 16 އެނދުގެ 24 ގަޑިއިރު ޚިދުމަތްދޭ ތަނެކެވެ.

އާ ހިދުތްތައް އިފުތިތާހުކޮށް ދެއްވުމަށް ފަހު ފައިސަލް ވަނީ އެ ހިދުމަތްތައް ދިނުމަށް ތައްޔާރުކުރެވިފައިވާ ކޮންސަލްޓޭޝަން ރޫމްތަކާއި އިންތިޒާމުތައް ބައްލަވާލައްވައި، ސިއްހީ މަރުކަޒުން ހިދުމަތް ހޯދަން ގޮސް ތިބިު ބައެއް އާއްމުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސިއްހީ ހިދުމަތްތައް ފުޅާކުރުން ކަމަށެވެ. އެގޮތުން އައްޑޫގެ މީހުން އުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް ފެށުނު ޚިދުމަތްތަކަކީ، ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ. އަދި މިއީ ދެ އަވަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެސް ވިދާޅުވި އެވެ.

ފައިސަލް ފާހަގަކިރެއްވި ގޮތުގައި ސިއްހީ ހިދުމަތައް ތަރައްގީ ކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށް ރޭވި ހިނގަމުން ދާނެ އެވެ. އެގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިތުރަށް ތަރައްގީކުރުމާއި، އަތޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ބިނާކުރުމުގެ މަޝްރޫއުތައް ރޭވި ހިނގަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އައްޑޫގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގެމުން އަންނަކަން ފާހަގަ ކުރައްވައި ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާ އިން ހިންގަމުން އަންނަ މަޝްރޫއުތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.