Last Updated: April 16, 11:51
Tuesday, April 16, 2024
ޚަބަރު

އޭއީއެޗްގެ ހިންގުމަށް ގެނައި ބަދަލު ރަނގަޅު

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހިންގުމަށް ސަރުކާރުން ގެނައި ބަދަލުތަކުން ފެންނަ ނަތީޖާ ރަނގަޅު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެގޮތަށް އައްޑު އަށް އިއްޔެ ކުރެއްވި ދަތުރު ހޮސްޕިޓަލަށް ކުރައްވައި، އެތަނުގެ މެނޭޖްމަންޓާއި ސީނިއާ އެކީ ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޖެނުއަރީ 15، 2020 އިން ފެށިގެން ހިންގަމުން އަންނަ އޭއީއެޗަކީ މިހާރު ވަކި ބޯޑެއްގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ. އަދި މި ހޮސްޕިޓަލަކީ ރާއްޖޭގެ އަތޮޅެއްގައި ހުރި އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި އޭއީއެޗްގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ނަތީޖާ ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައިވެ އެވެ. އެހެންވެ އެ ހޮސްޕިޓަލް ހިންގުމަށް ގެނައި ބަދަލަކީ ވަރަށް ރަނގަޅު ބަދަލެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އޭއީއެޗަށް ކުރެއްވި ޒިޔާރަތުގައި، ހޮސްޕިޓަލުގެ ހިދުމަތްތައް ބައްލަވާލައްވައި، ފައިސަލް ވިދާޅުވީ އޭއީއެޗްގެ ދަށުން އައްޑޫގެ ސިއްހީ މަރުކަޒުތައް ހިންގައި އެ ތަންތަނުގެ ޚިދުމަތްތައް ފުޅާކުރެވެމުން ދިޔުމަކީ ހޯދެމުން އަންނަ މުހިއްމު ކުރިއެރުންތަކެއް ކަމަށެވެ. އެގޮތުން ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ހިދުމަތްތައް ހޯދަން ދާ މީހުން ހިތްހަމަޖެހޭ ފަދަ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ބައްދަލުވުމުގައި އޭއީއެޗްގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު ވަނީ ހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފާއިތުވި ދެ އަހަރުތެރޭގައި ކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު ނައިބު ރައީސާ ޙިއްޞާކުރައްވައިފަ އެވެ. އަދި އޭއީއެޗްގެ ލެބޯޓްރީ އަކީ އައިއެސްއޯ ސެޓިފައިޑް ލެބޯޓްރީއަކަށް ހެދުމުގެ މަސައްކަތްތައް ވެސް މިހާރު ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ. ސޯލިހު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ މީހުންނަށް ރަނގަޅު ތަޖުރިބާއެއް ކުރެވޭނޭ ގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަށް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހޮސްޕިޓަލްތަކުގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިން ހިއްސާކޮށްފައިވެ އެވެ.

ޖުމްލަ 102 އެނދުގެ އޭއީއެޗްގައި މި ވަގުތު ކުރެވެމުން އަންނަ އެންމެ މުހިއްމު އެއް މަސައްކަތަކީ، ކެތުލެބް ޤާއިމްކުރުމުގެ މަސައްކަތެވެ.