"ފެލާލައިފި" ނަމުގައި އިދިކޮޅު ޕީޕީއެމުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާ އަށް ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަން ފާޑުވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވަލު ސަރަހައްދުގައި ރޭގަނޑު 8:30 ގަ އެވެ. މި ޖަލްސާގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ޖަލްސާ އަށް ޕީޕީއެމުން ތައްޔާރުވަމުންދާއިރު އިކްރާމް ވަނީ ފެލާލައިގެން އުޅެނީ ކޯޗެއްތޯ ސުވާލު ކުރައްވާފަ އެވެ. އެގޮތުން ފެލާލައިގެން އުޅެނީ ފަނޑިޔާރުގެތޯ، އޭސީސީތޯ، މަޖިލިސްތޯ، ސިޔާސީ ވެރިންގެ މިނިވަންކަންތޯ އަދި ބޭރު ގައުމުތަކާއި އޮތް ގުޅުންތޯ އިކްރާމް ސުވާލު ކުރެއްވި އެވެ.
"ފެލާލައިފި ބޮޑަށް ގުޅެނީ ރައީސް ޔާމީންގެ ވެރިކަމާ ނޫންތޯ؟" އިކްރާމް ވިދާޅުވި އެވެ.
އިކްރާމް ވަނީ އަމިއްލަ އަށް ވިސްނާ ހަގީގައި ދެނެގަންނަ އެންމެން ވެސް މި ވެރިކަން ބަލައިގަންނަ ކަމަށް ވިދާޅުވެފަ އެވެ.
މިއީ ގިނަ ދުވަސްތަކަކަށްފަހު މާލޭގައި ޕީޕީއެމުން ބާއްވާ މިފަދަ ފުރަތަމަ ބޮޑު ޖަލްސާ އެވެ.