މާލޭގެ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފައިސާ ހޯދަން މާލެ ސިޓީ ކައުންސިލުން ބާއްވަން ނިންމާފައިވާ ޓެލެތޯން އަންނަ މަހަށް ފަސްކޮށްފި އެވެ.
މިސްކިތްތައް މަރާމާތުކުރަން އިސްލާމިކް މިނިސްޓްރީން އެކަށީގެންވާ ބަޖެޓެއް ނުދޭ ކަމަށް ބުނެ ކައުންސިލުން ފަންޑް ހޯދަން ކުރިއަށް ގެންދަން ނިންމާފައިވާ ޓެލެތޯން މިހާރު ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 7 އަށެވެ. ކުރިން މި ޓެލެތޯން ކުރިއަށް ގެންދަން ނިންމީ ހުކުރު ދުވަހު އެވެ.
މާލެ އާއި ވިލިމާލޭގެ 42 މިސްކިތެއް ބަލަހައްޓަނީ ކައުންސިލުންނެވެ. އަދި އެއީ ކައުންސިލްގެ ޒިންމާގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
މާލެ ކައުންސިލުން ބުނީ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފަންޑް ހޯދަން ބާއްވާ ޓެލެތޯން ފަސްކުރީ އެކަމާ ގުޅޭ ގޮތުން އިތުރަށް ވާންޖެހޭ ތައްޔާރީތަކެއް ހުރުމުން ކަަމަށެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު ޓެލެތޯންގައި ބައިވެރިކުރުވުމަކީ ވެސް ޓެލެތޯން ފަސްކުރި ސަބަބެކެވެ.
އެގޮތުން ކައުންސިލުން ނިންމާފައި ވަނީ ވީހާ ވެސް ގިނަ ފައިސާ އެއްކުރެވޭ ގޮތަށް ޓެލެތޯން ފުޅާކޮށް ކުރިއަށް ގެންދާށެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިސްކިތްތަކުގެ މަރާމާތަށް ޚަރަދުކުރާނެ ހާއްސަ ބަޖެޓެއް އެ މިނިސްޓްރީއަށް ލިބިފައެއް ނޯވެ އެވެ.