Last Updated: April 23, 12:01
Tuesday, April 23, 2024
ޚަބަރު

ކެމިކަލް ހަތިޔާރު މަނާކުރާ ބިލު ތަސްދީގުކޮށްފި

ތިލަފުށީގައި ތަރައްޤީކޮށްފައިވާ ނުރައްކާތެރި ކެމިކަލްތައް ރައްކާކުރާ ގުދަންތައް ރައީސް ބައްލަވައިލެއްވުން- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ބިލެކެވެ.

މި ޤާނޫނު ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި، ޚާއްޞަ ޔުނިޓެއް "ކެމިކަލް ވެޕަންސް ޔުނިޓް" ގެ ނަމުގައި އުފެދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ކެމިކަލެއް ރާއްޖެއަށް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކުރާ ލައިސަންސް ހޯދައި އެ ލައިސަންސްގައި ބަޔާންކުރާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ ކެމިކަލްއާ ގުޅޭ ކުށެއް ކޮށްފިނަމަ 500،000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާކުރުން ނުވަތަ 5 އަހަރުދުވަހާއި 20 އަހަރު ދުވަހާއި ދެމެދުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރެވިދާނެއެވެ.

މި ޤާނޫޏުގެ ޖަދުވަލު 2 ގައި ހިމެނޭ ކެމިކަލްއާ ގުޅޭ ކުށެއް ކޮށްފިނަމަ 100،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާކުރުން ނުވަތަ 2 އަހަރު ދުވަހާއި 10 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވިދާނެއެވެ.

އަދި ޖަދުވަލު 3 ގައި ހިމެނޭ ކެމިކަލްއާ ގުޅޭ ކުށެއް ކޮށްފިނަމަ 100،000 ރުފިޔާއިން ފެށިގެން 250،000 ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖުރިމަނާކުރުންނުވަތަ 2 އަހަރަށްވުރެއް ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވިދާނެއެވެ.

މީގެއިތުރުންވެސް މިޤާނޫނުގައި ބަޔާންކޮށްފައިވާ އިތުރު ކުށްތަކަށް ބޮޑެތި އަަދަބުތައް ކަނޑައަޅާފައިވެއެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާނީ ބިލު ތަސްދީޤުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.