Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ކަކުލުހުޅު ބަދަލުކުރުމުގެ ސާޖަރީތައް ފަށައިފި

އައްޑޫ އިކްއެޓޯރިއަލް ހޮސްޕޓަލް (އޭއީއެޗް) ގައި ޓޯޓަލް ނީ ރީޕްލޭސްމަންޓް (ޓީކޭއާރް) ސާޖަރީ ނުވަތަ ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ހެދުމުގެ ހިދުމަތް ފަށައިފި އެވެ.

އެގޮތުން އިއްޔެ ކުރި އެފަދަ ފުރަތަމަ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލުން ބުންޏެވެ. އޭއީއެޗުން ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ފެށީ އައިޖީއެމްއެޗާ ގުޅިގެންނެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މިހާރު ދެން ގަވާއިދުން އޭއީއެޗުން ދެވޭ ހިދުމަތެއްގެ ގޮތުގައި ކަކުލުހުޅު ބަދަލުކުރުމުގެ ސާޖަރީތައް ކުރިއަށް ދާނެ އެވެ. އެހެންވެ އެ ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އެޕޮއިންޓްމަންޓްތައް ހަދައިގެން ހިދުމަތް ހޯދުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.

އޭއީއެޗުން ބުނި ގޮތުގައި މިފަދަ ހިދުމަތްތައް އެ ހޮސްޕިޓަލުން ދެވެން ފެށުމަކީ ވަކިން ހާއްސަކޮށް އައްޑޫ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް އަދި ލުއެކެވެ.

އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އެތަނުން ވަރަށް އަވަހަށް ޓޯޓަލް ހިޕް ރިޕްލެސްމަންޓް (ޓީއެޗްއާރް) ނުވަތަ އުނަގަނޑުގެ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ވެސް ފަށާނެ އެވެ.