Last Updated: April 25, 17:12
Thursday, April 25, 2024
ރިޕޯޓް

ވޯލްޑް ކަޕް ނިމުނީ؛ ލިބުނީ ކޮން ފިލާވަޅެއް؟

ރޭ މި ވަނީ މި އަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ނިމިގެން ގޮސްފަ އެވެ. މުބާރާތުގެ ޗެމްޕިއަނަކީ އާޖެންޓީނާ އެވެ. ފްރާންސާ ދެކޮޅަށް ނުކުމެ، އެ ގައުމު މުބާރާތް ކާމިޔާބުކުރީ 4-2 ލަނޑުންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ތާރީހީ މުބާރާތެކެވެ. އެއް ކަމަކަށް މިއީ މެދުއިރުމަތީގެ ގައުމެއްގައި އެ މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. އިސްލާމީ ގައުމެއްގައި މުބާރާތް ބޭއްވުންވެގެން ދިޔައީ ކީރިތި ޤުރުއާންގެ ބަރަކާތުން ވެސް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ މުބާރާތެއް ފެށިގެން ދިއުމެވެ.

މި ފަހަރުގެ މުބާރާތާ އެކީ ހުޅަނގުގެ ގައުމުތަކުން ވަރަށް މޭކަރައިގެން ތަފާތު ވައްތަރުތައް ވެސް ޖެއްސި އެވެ. އެގޮތުން މިހާރު ގަދައަށް ޕްރޮމޯޓްކުރާ އެއްޖިންސުން ގުޅުން ހިންގުމާ ގުޅޭ އެޖެންޑާ މި ފަހަރު ވޯލްޑާ ކަޕާ އެކީ، ވަރަށް ގަދައަށް ދެކެވުނު ވާހަކައެކެވެ. އެ "ކުޅިވަރާ" އުޅެން ހަދައިގެން މި ފަހަރުގެ ވޯލްޑް ކަޕުގައި "ޗޮކުން" ދިޔަ ޓީމްތައް ވެސް ފާހަގަވެގެން ދިޔަ އެވެ.

އެހެންވެ މިހިރަރަ މިހިރަ ކަންކަމާ ހެދި މި އަހަރުގެ ވޯލްޑް ކަޕަކީ ތަފާތު މުބާރާތެކޭ ބުނެވިދާނެ އެވެ. އެ މުބާރާތް އިންތިޒާކުރާ ފީފާ އިން ވެސް ސިފަކޮށްފައިވާ ގޮތަށް މ އަހަރުގެ އެންމެ ބަރާބަރު މުބާރާތެވެ. އެކަމަކު އެންމެ ބޮޑު ސުވާލަކީ މުބާރާތް ނިމިގެން ދިޔަ އިރު އަހަރެމެންނަށް ލިބުނީ ކޮން ފިލާވަޅެއް، އިބުރަތެއްތޯ؟ އެވެ.

ޝެއިހް އަހުމަދު ސަމީރު މިއަދު ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި މި އަހަރުގެ ވޯލްޑް ކަޕުން ލިބުނު މުހިއްމު ބައެއް ފިލާވަޅުތައް ލިސްޓްކޮށްފައިވެ އެވެ. އެކަންކަމަށް ބަލައިލަމާ ހިނގާށެވެ.

* އެންމެންގެ ހިތްތަކުގެ އެދުންތައް ގުޅިފައިވަނީ މައްޗާކަމާއި، ކަލަކުވޮޑިގެންވާކަމުގެ ޢަޤީދާ އަކީ އިންސާނީ ފިޠުރަތުގެ އަސާސުކަން
* ޒަޔަނިސްޓް ދައުލަތުން ފަލަސްޠީނުގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުން އެތަން މިނިވަން ކުރުމަކީ މުޅި ދުނިޔޭގައި ވެސް މިނިވަން ކަމަށް ލޯބިކުރާ އެންމެންގެ ހިތްތަކުގައި ޖަހަމުންދާ ވިންދެއްކަން
* އެކި ޤައުމުތަކާ އޮންނަ މުޢާމަލާތުގައި ހުޅަނގުގެ ދެފުށްކެހެރިކަމާއި، މުސްލިމުންނާ އޮންނަ ޢަދާވާތްތެރިކަން
* އެއް ޖިންސުން ގުޅުން ހިންގުމަށް މަޖުބޫރުކުރުން ނޫން ކަމެއް ހުޅަނގުގައި ނެތުުމުން އެނގި ކަށަވަރުވަނީ، ހުޅަނގުން އިންސާނިއްޔަތަށް ކޮށްދެވޭނެ އިތުރު ޚިދުމަތެއް ނެތްކަން
* އެކި ގައުމުތަކުގައި އޮންނަ ދީނީ، އަހުލާގީ، އިޖުތިމާއޫ އިންތަކާއި، އަދި ސަގާފީ އާދަކާދައިގެ އިތުރުން އަނެއް ގައުމުގެ ގާނޫނާއި ޤަވާޢިދުތަކަކީ ވެސް ހުޅަނގުން އިޙްތިރާމުކުރާ އެއްޗެއް ނޫންކަމާއި، ހުޅަނގުގެ މީހުން ދެކޭގޮތުގައި ކޮންމެ ތަނެއްގައިވެސް އޮންނަން ވާނީ ހުޅަނގުން ޤަބޫލު ކުރާގޮތް ކަން
* ވަކި ނޫސްތަކަކުން ފަތުރާ ދޮގު ހަބަރުތަކުގެ ތެރޭގައި ނާށިލެވިފައި ތިބުމުގެ ބަދަލުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އުޅެމުންދާ ގޮތާއި، ތަރައްގީ އާއި ތަހުޒީބުގައި ގައުމުތައް ހޯދާފައިވާ ކުރިއެރުންތަކަށް ހުޅަނގުގެ ރައްޔިތުން ލޯ ހުޅުވެން ޖެހޭކަން
* ތިމާމެން ގަބޫލުކުރާ އުސޫލުތަކާއި މިންތައް ހިފަހައްޓާނީ ތިމާމެންކަމާއި، މީހެއްގެ ރުހުން ހޯދުމަށް އެ އުސޫލުތައް ދޫކޮށްލަން ނުޖެހޭކަން
* ހުޅަނގުގައި ވެސް ޢަދުލުވެރިން އުޅޭކަން

ސަމީރުގެ މި ލިސްޓް ނިންމާލާފައި އޮތީ އިތުރު ނުކުތާއެއް ފާހަގަކުރެވޭ ނަމަ ކޮމެންޓްގައި ލިޔުމަށް އެދިވަޑައިގެންނެވެ.