Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރާއްޖޭން ވަރަށް ރަނގަޅަށް ކޮވިޑް މެނޭޖްކުރި

ރާއްޖެ އިން ކޯވިޑް-19ގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް މެނޭޖްކުރި ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޑރ ޕޫނަމް ކެތްރަޕާލް ސިންގް ވިދާޅުވެއްޖެ އެވެ.

ޕޫނަމް މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރ ވިދާޅުވީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފްކުރައްވައި، ކޯވިޑް-19ގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް މެނޭޖްކުރެވިފައިވާ ކަމަށެވެ. އަދި އެކަމަނާ ވަނީ ރާއްޖެއިން، ކޯވިޑް-19 އަށް ފަހު ޞިއްޙީ ކަންކަމަށް ދޭ ސަމާލުކަން ބެލެންސްކޮށް އިޤްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ރާއްޖެއަށް ލިބިފައިވާކަން ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގިނަ އަދަދެއްގެ އިންވެސްޓްކުރި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި، ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 12 އިންސައްތަ ޚަރަދުކުރަނީ މި ދާއިރާ ކުރިއެރުވުމަށް ކަމުގައި ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އިރުޝާދަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާކަން ރައީސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ އެކަމަނާއަކީ، ތަފާތު ބަލިތައް ނައްތާލުމަށް މަސައްކަތްކުރައްވާ ފަރާތެއް ކަމުގައި ވިދާޅުވެ، މެލޭރިއާ އާއި ޕޯލިއޯ ފަދަ ގިނަ ބަލިތައް ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފަ އެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.