Last Updated: April 24, 17:03
Wednesday, April 24, 2024
ޚަބަރު

35 ވަނަ ގައުމީ ޤުރުއާން މުބާރާތް ފަށައިފި

ހާހާކަށް ވުރެ ގިނަ ބައިވެރިންނާ އެކީ ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް ރޭ ފަށައިފި އެވެ.

މާލޭގެ ކިންގް ސަލްމާން މިސްކިތުގައި ކުރިއަށް ގެންދާ މުބާރާތް ރޭ ޝަރަފުވެރިކޮށް ދެއްވީ ނައިބު ރައީސް ފައިސަން ނަސީމެވެ.
މި މުބާރާތާ އެކީގައި ކުރިއަށް ގެންދާ ޤުރުއާން ފެސްޓިވަލް "މަޚުރަޖާނުލް ޤުރުއާން" ފެސްޓިވަލް ވެސް އެ އެ މަނިކުފާނު ހުޅުއްވައި ދެއްވި އެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި 121 މުއައްސަސާއަކުން 1،022 ބައިވެރިން ވާދަކުރެ އެވެ.

މުބާރާތުގައި ސްކޫލްތަކާއި އަތޮޅުތަކުގެ ކައުންސިލްތަކާއި ކްލަބް ޖަމިއްޔާ ޖަމާއަތްތަކުންނއި ކުންފުނިތަކާއި ޤުރުއާން ކްލާސްތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އަދި އަމިއްލަގޮތުން ބައިވެރިވާ ފަރާތްތަކާއި ހާފިޒުން ވާދަކުރެ އެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގައި 600 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 409 ބައިވެރިން އަދި 13 ޙާފިޡުންގެ ހުށައެޅުން އޮންނާނެ އެވެ.

މުބާރާތުގެ ކިޔެވުން މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ބާއްވަމުން އަންނަނީ 1980 ވަނަ އަހަރުން ފެށިގެންނެވެ.