Last Updated: April 26, 15:47
Friday, April 26, 2024
މީހުން

ޗިކެން ޓިއްކާ މަސާލާގެ މޭސްތިރިޔާ މަރުވެއްޖެ

އިންޑިއާގެ ކެއުމެއްގެ ގޮތުގައި މަޝްހޫރު "ޗިކެން ޓިއްކާ" މަސާލާގެ މޭސްތިރިޔާ ކަމަށް ބުނާ މަޝްހޫރު ޝެފް އަލީ އަހުމަދު އަސްލަމް މަރުވެއްޖެ އެވެ.

ސްކޮޓްލޭންޑް ގްލާސްގޯސް ނިސްބަތްވާ ޕާކިސްތާން ދަރިކޮޅުގެ އަލީ މި މަހުގެ 19 ގައި މަރުވި އިރު، އުމުރަކީ 77 އަހަރެވެ. ފަސް ކުދިންގެ ބައްޕަ އަކީ އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު ކެއުމުގެ ތެރޭގައި ވެސް "ޗިކެން ޓިއްކާ މަސާލާ" ހިމެނުމުގައި އެންމެ އިސް ރޯލެއް އަދާކުރި މީހާ އެވެ. އެ ރިހަ އަށް އިނގިރޭސިވިލާތުގައި އޮންނަ މަގުބޫލުކަމާ ހެދި "ހަގީގީ ގައުމީ ޑިޝްއެއް" ގެ ގޮތުގައި ވެސް ސިފަކުރެ އެވެ.

އަލީ ބުނެފައިވާ ގޮތުގައި އޭނަ އެންމެ ފުރަތަމަ "ޗިކެން ޓިއްކާ މަސާލާ" އިޖާދުކުރީ ގްލަސްގޯގައި "ޝީޝް މަހަލް" ގެ ނަމުގައި 1964 ގައި ހުޅުވި ރެސްޓޯރަންޓްގަ އެވެ. ނަމަވެސް 1970 ގެ ތެރޭގައި އެ ރިހަ މާ ހިކި ކަމަށް ބުނެ ކަސްޓަމަރަކު ކުރި ޝަކުވާތަކަކާ ގުޅިގެން ހަގީގީ "ޗިކެން ޓިއްކާ މަސާލާ" ގެ ރެސިޕީ ވުޖޫދަށް ގެންނަން މަގުފަހިވި އެވެ. އެއީ ޔޯގަޓާއި ޓޮމާޓޯ ސޯސް އެކުލެވޭ ގޮތަށް އެއަށް އިތުރުކުރި ގްރޭވީއާ އެކީގަ އެވެ.

"ޗިކެން ޓިއްކާ އަކީ އިންޑިއާގެ ޑިޝްއެއް. ހަގީގަތުގައި މީގެ މަގުބޫލުކަން ބޮޑުވީ އިނގިރޭސީންގެ ރަހަ އަށް ހެޔޮވަރުކޮށްދޭން ގެނައި ބަދަލާ އެކީ އިތުރުވި ގްރޭވީގަނޑާ އެކީ." އަލީ ބުނެފައިވެ އެވެ.