Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ކެންސަރަށް މަގުފަހިވާ ކެމިކަލް ބޭނުންކުރުން އިތުރުވަނީ

ރާއްޖޭގެ ސިނާޢަތްތަކުގައި ކެމިކަލް ބޭނުން ކުރުމާއި ގުޅޭ ރިޕޯޓް ނެރުމުގެ ރަސްމީއްޔާތުގެ ތެރެއިން މިނިސްޓަރ ޝައުނާ /ފިޮޓޯ: އެންވައިރޮމެންޓް މިނިސްޓްރީ

ކެންސަރަށް މަގުފައިހިވާ ކެމިކަލް ރާއްޖެގައި ބޭނުން ކުރާ މިންވަރު ދަނީ އިތުރުވަމުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިނާޢަތްތަކުގައި ކެމިކަލް ބޭނުންކުރާ މިންވަރާއި އަދި އެކަމުގައި ހުރި ހިރާސްތައް ދެނެގަތުމަށް އެންވައިރޮމެންޓް މިނިސްޓްރީން ތައްޔާރު ކުރި ރިޕޯޓް ހޯމަ ދުވަހު ވަނީ ޝާއިއުކޮށްފަ އެވެ.

މި ރިޕޯޓަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ހިންގާ 'އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' މަޝްރޫއުގެ ދަށުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މިއީ ޔޫއެންޑީޕީއާއި ގްލޯބަލް އެންވައިރޮމެންޓް ފެސިލިޓީ، ޖެފްގެ މި ރިޕޯޓް ލޯންޗްކޮށްދެއްވާފައިވަނީ ހެލްތް މިނިސްޓަރ އަހުމަދު ނަސީމް އަދި އެންވަޔަރޮމަންޓް މިނިސްޓަރ އާމިނަތު ޝައުނާއެވެ.

މި އެސެސްމެންޓުގެ މަޤްސަދަކީ ރާއްޖޭގައި ކެމިކަލް ބޭނުން ކުރާ ހުރިހާ ސިނާޢަތެއް ދެނެގަނެ، ކަމާއި ގުޅުން ހުރި އިދާރާތަކާއި އެހެނިހެން ފަރާތްތަކުން މިތަކެތި ބޭނުން ކުރުމުގައި ގޮންޖެހުންތައް ބެލުން ކަމަށް ޔޫއެންޑީޕީ ބުނެއެވެ. އަދި މީގެ ސަބަބުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އާންމުންގެ ހޭލުންތެރިކަން ނުރައްކާތެރި ކެމިކަލްތައް ބޭނުން ކުރުމާއި ނައްތާލުމަށް އިތުރު ކުރުންވެސް މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަމަށް ބުނިއެވެ.

ރިޕޯޓް ނެރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެވައިރޮމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ ރާއްޖޭގައި ކެންސަރަށް މަގުފައިވާ ކެމިކަލް ބޭނުން ކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަން ފާހަގަކޮށްފައެވެ. މިއާއެކު އަޅުގަނޑުމެން ދިރިއުޅޭ ތަންތަނުގައި މިފަދަ ކެމިކަލް ބޭނުން ކުރެވޭ މިންވަރު ބެލި ރައްކާތެރި ގޮތުގައި ނައްތާލުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީން ޝާއިއުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން އަހަރުން އަހަރަށް ރާއްޖޭގައި އުފެދޭ މިންވަރު 4 އިންސައްތައިން ދަނީ އިތުރުވަމުންނެވެ. އަދި 2019 ވަނަ އަހަރު ރާއްޖޭގެ ރައްތަކުގައި އުފެދުނު ކުނީގެ ތެރެއިން 1.41 އިންސައްތައަކީ ނުރައްކާތެރި ކުނިކަމަށް ވަނީ ފާހަގަކޮށްފައެވެ.

ރަސްމީއްޔާތުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ ކެމިކަލް ބޭނުންކުރުމާއި ނައްތާލުމުގެ ތަފްސީލީ ދިރާސާތައް ފަރުދުންނަށް ފެންނާނެހެން އެ މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ކިޔަވާ ކުދިން މިދާއިރާއަށް ނެރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލިއެވެ.

ރާއްޖޭގެ ސިނާޢަތްތަކުގައި ކެމިކަލް ބޭނުން ކުރުމާއި ގުޅޭ ރިޕޯޓް ނެރުމުގެ ރަސްމީއްޔާތުގެ ތެރެއިން މިނިސްޓަރ ނަސީމް /ފިޮޓޯ: އެންވައިރޮމެންޓް މިނިސްޓްރީ

ރާއްޖެ އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލްއާއި ބެހޭ ޤަވާއިދެއް 2019 ވަނަ އަހަރު ވަނީ އެކުލަވާލާފައެވެ. މީގެ އިތުރުން ރާއްޖޭގައި އުފެދޭ ކުނި މެނޭޖް ކުރުމާއި ބެހޭ ޤާނުނުވެސް ދާދި ފަހުން ވަނީ ތަސްދީޤްކޮށްފައެވެ.