Last Updated: April 20, 07:18
Saturday, April 20, 2024
ރިޕޯޓް

ފަޅޯ އޮށް އުކާލަނީތަ؟

ފަޅޮލަކީ އާންމުކޮށް ގިނަ ބަޔަކު ކާން ބޭނުންކުރާ މޭވާއެކެވެ. އެކަމަކު ފަޅޮލުގެ އޮށެއް ހަދަނީ ކިހިނެއް ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް ގިނަ ބައެއްގެ ޖަވާބަކަށް ވާނީ ބޭކާރު އެއްޗެއްގެ ގޮތުގައި އުކައިލަނީ އެވެ. އެކަމަކު އެއީ ބޭކާރު އެއްޗަކަށް ނަހަދާށެވެ. ފަޅޯ އޮތް އުކައިލާ ނަމަ ހެދެނީ ވަަރަށް ބޮޑު ގޯހެކެވެ.

އެހެންވެ ދެން ފަޅޯ ކާ ފަހަަރަކުން މިކަމާ މެދު ވިސްނައިލާށެވެ.

ހަގީގަތުގައި ފަޅޯ އޮށަކީ ސިއްހީ އެތައް ފައިދާތަކެއް ލިއްބައިދޭ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އޭގެ ތެރޭގައި ވިޓަމިންތަކާއި ދަގަނޑާއި ކެލްސިއަމާއި ޕޮޓޭސިއަމާއި ފޮސްފެރެސް އާއި ޒިންކް ހިމެނެ އެވެ. މީގެ އިތުރުން އެ އޮށަކީ އޮލީކް އެސިޑް ފަދަ މޮނޮއަންސެޗިއުރޭޓް ފެޓީ އެސިޑުން ވެސް މުއްސަނދިވެފައިވާ އެއްޗެކެވެ. އަދި ފަޅޯ އޮށަކީ ޕޮލިފެނަލްސް އާއި ފްލެވަނޮއިޑްސް ފަދަ ބޭނުންތެރި އެންޓިއޮކްސިޑަންޓް ވެސް އެކުލެވޭ އެއްޗެކެވެ.

އޭގެ މާނަ އަކީ މި އޮށް ބޭނުންކުރާ ނަމަ ހަށިގަނޑުގެ އެކި ގުނަވަންތަކަށް، ނުވަތަ ޖުމްލަކޮށް މުޅި ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ބޭނުންވާ މާއްދާތަކެއް ލިއްބައި ދިނުމެވެ.

ފަޅޯ އޮށުގައި ކޮން މާއްދާތަކެއް، ކޮން ފައިދާތަކެއް؟

ފަޅޯ އޮށް ބޭނުންކުރުމުން ވަރަށް ސިއްހީ މައްސަލަތަކަށް ދުރުކޮށް ދޭން ބާރަކަށްވެ އެވެ. އޭގެ ތެރޭގައި ކޮލެސްޓްރޯލް ދަށްކޮށް ދިނުމއި ހިތަށް ދިމާވާ މައްސަލަތަކުން ރައްކާތެރިކޮށް ދިނުމާއި ބަރުދަން ލުއިކޮށްދޭން އެހީއަކަށްވުމާއި އިންފްލަމޭޝަންތައް ކުޑަކޮށް ދިނުމާއި އަންހެނުންގެ މައްސަރު ހާލަތުގައި ދިމާވާ ވޭންތައް ކުޑަކޮށް ދިނުމާއި ބޮލުން ހަންފެޅުމުން ރައްކާތެރިކޮށް ދިނުމާއި ހަންގަނޑު ރީތިކޮށް ދިނުން ފަދަ އެތައް ކަމެއް ހިމެނެ އެވެ.

މީގެ އިތުރުން ފަޅޯ އޮށަކީ ކެންސަރާ ދެކޮޅަށް ވެސް މަސައްކަތްކޮށްދޭ މާއްދާތަކެއް އެކުލެވޭ އެއްޗަކަށްވާތީ އެ ބަލިން ރައްކާތެރިކަން ހޯދަން ވެސް މިއީ ބޭނުން ކުރެވިދާނެ ވަރަށް މުހިއްމު އެއްޗެކެވެ. މިހެން ގޮސް ލިސްޓް ދިގުކުރަންވެއްޖެ ނަމަ ފަޅޯ އޮށުން ލިބޭ ފައިދާތަކުގެ ދިގު ލިސްޓެއް ހަދައިލެވިދާނެ އެވެ.

ފަޅޯ އޮށް ބޭނުން ކުރާނީ ކިހިނެއް؟

ތަފާތު އެކި ގޮތްގޮތަށް ފަޅޯ އަށް ބޭނުން ކުރެވިދާނެ އެވެ. އަލަށް މި ބޭނުން ކުރުމުގައި އުނދަގޫ ކަމެއް ހުއްޓަސް އާދަކޮށް ބޭނުން ކުރަން ފެށުމުން ހޭނިދާނެ އެވެ. އެހެންވެ އެކި ކަހަލަ ކާނާ އާއި ބުއިންތައް ތައްޔާރުކުރާ އިރު، ފަޅޯ އަށް ބޭނުން ކުރެވިދާނެ އެވެ. މިސާލަކަށް ތާޒ މޭވާއަކުން ޖޫހެއް ގިރާ ނަމަ، ކުޑަކޮށް ޗަސްކޮށްފައި އޭގެ ތެރެއަށް ފަޅޯ އޮށް އަޅާލައިގެން ބޯލެވިދާނެ އެވެ. ނޫނީ ތާޒާކޮށް ފަޅޯ ކާ އިރު، ލުނބޯ ހުތް ޖަހައިގެން އޮށާ އެކީ ވެސް ކައިލެވިދާނެ އެވެ.

އެހެން ނޫނީ ޑެޒަޓެއް ނުވަތަ ސެލަޑެއް ކަހަލަ އެއްޗެއް ތައްޔާރުކުރާ އިރު، ފަޅޯ އަށް ބޭނުން ކުރެވިދާނެ އެވެ. ނޫނީ މަހެއް ނުވަތަ ކުކުޅު ކަހަލަ އެއްޗެއް ފިހެލަން/ތެލުލަން މެރިނޭޑް ތައްޔާރުކުރާ އިރު، އެއަށް ބޭނުންކުރާ ހަވާދުގަނޑުގެ ތެރޭގައި ވެސް ފަޅޯ އޮށް ބޭނުން ކުރެވިދާނެ އެވެ.
ހިއްކައިގެން ވެސް ފަޅޯ އޮށް ބޭނުން ކުރެވިދާނެ އެވެ. އެގޮތުން އެކި ކަހަލަ އެއްޗެހި ތައްޔާރުކުރާ އިރު، އެ މުގުރައިގެން ބޭނުން ކުރެވިދާނެ އެވެ.

ނަސޭހަތަކީ ފަޅޯ އޮށް އުކާނުލައި އޭގެ ބޭނުން ހިފާށޭ އެވެ. އަދި ސަމާލުކަން ދޭންވީ އެންމެ މުހިއްމު ކަމަކީ ދުވާލަކަށް އާދައިގެ ސައިސަމުލައެއްގައި ހުންނަހާ މިންވަރަށް ނޫނީ ފަޅޯ އޮށް ބޭނުން ނުކުރުމެވެ. ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދެނީ އެގޮތަށެވެ. އަދި މާބަނޑު މީހުން ވެސް ފަޅޯ އޮށް ބޭނުން ކުރުމުގައި ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރި އެވެ.