Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ތަރާވީހު ނަމާދަށް ހާފިޒުން ހޯދަނީ

އައްޑޫ ހިތަދޫ މަސްޖިދު އިބްރާހީމް.

ކުރިއަށް އޮތް ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީސް ނަމާދުކުރާނެ ދިވެހި ހާފިޒުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންްކޮށްފި އެވެ.

އެ މިނިސްޓްރީް ބުނީ މިކަމަށް ޝައުގުވެރިވާ ހާފިޒުންނަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމަށް އެދި ހުށަަހަޅާ އިރު މާލޭގެ މިސްކިތްތަކުގައި ތަރާވީހު ނަމާދުކޮށް ދޭން ޝައުގުވެރިވާ ހާޒިފުންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކުގެ ރަށްރަށުން ކައުންސިލްތަކަށް ފޯމް ހުށަހަޅަން ޖެހެނީ ފެބްރުއަރީ މަހުގެ 23 ގެ ކުރިންނެވެ.

އިމާމުވެ ހިފްޒުކޮށް ތަރާވީސް ނަމާދުކޮށްދޭން ޝައުގުވެރިވާ ހާފިޒުން ހުށަހަޅަން ޖެހޭ ފޯމް ކައުންސިލްތަކުން ދޫކުރާނެ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

މިނިސްޓްރީން ބުނީ ހާފިޒުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދުކުރާ ކޮންމެ ރެއަކަށް 500ރ. މަގުން ކަމަށެވެ. އަދި ފައިސާ ދެވޭނީ މިސްކިތަކަށް ގިނަވެގެން ދެ ހާފިޒުންނަށެވެ.

ތަރާވީހު ނަމާދު ކުރުމަށް ހުއްދަ ދެވޭނީ މާލެ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް މިނިސްޓްރީ އަށް ހުށަހަޅާ ލިޔުންތަކަށް ބަލައިފަ އެވެ. އަދި އެ އުސޫލާ ހިލާފަށް ހުށަހަޅާ ފޯމުތަކަށް އަމަލު ނުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ދިވެހި ހާފިޒުންގެ އިތުރުން ބޭރުގެ ހާފިޒުންނަށް ވެސް ތަރާވީހު ނަމާދު ކުރުމުގެ ހުއްދަ ދޭން ހަމަަޖެހިފައިވެ އެވެ. އަދި އެ ހުއްދަ ދޭނީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ، އަދި އެފަދަ ދާއިރާއަކާ ގުޅޭ މުއައްސަސާއެއް، މަރުކަޒެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރައްވާ އަދި ހާފިޒުކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ.

ބޭރުގެ ހާފިޒުންނަށް ތަރާވީހު ނަމާދު ކުރާ ކޮންމެ ރެޔަކަށް ދޭން ހަމަޖެހިފައި ވަނީ 200ރ. އެވެ.