އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފިނަމަ އެމްޑީޕީ އަށް 20 ޕަސެންޓް ވޯޓު ވެސް ނުލިބޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާއި ނަޝީދު ވާދަކުރައްވާއިރު ދެ ބޭފުޅުން ވެސް މިހާރު ގެންދަވަނީ ފޯރިއާއެކު ކެމްޕެއިން ކުރައްވަމުންނެވެ.
ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ނިކުންނެވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ސޯލިހު ވެވަޑައިގެންފިނަމަ އެމްޑީޕީ އަށް ލިބޭނެ ވޯޓު ވަރަށް ބޮޑަށް މަދުވެދާނެކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.
އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށްދެވޭނެ މަގާމެއްގައި ތިބުން ކަމަށާއި އަދި ހެޔޮ ވެރިކަމެއްކޮށްދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ އެކަން ކުރަން އުނދަގޫ ވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ތަނުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވެއްޖެނަމަ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ލިބޭނެ ވޯޓުގެ މިންވަރު ވަރަށް މަދުވާނެ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެމްބަރުން އަދި ސަރުކާރުގެ އެކި ވަޒީފާތަކުގައި ތިބި ބައެއް ފަރާތްތަކުން ރައީސް ސޯލިހަށް ތާއީދުކުރެއްވި ނަމަވެސް އެ ބޭފުޅުންގެ ގާތް ތިމާގެ ބޭފުޅުން ތިބީ ރައީސް ސޯލިހާ ދެކޮޅަށް ކަމަށެވެ.
"އަޅުގަނޑު ނިކުމެ މިހުރީ ރައީސް ސޯލިހަކީ އެމްޑީޕީގެ ކެންޑިޑޭޓް ކަމަށް ވެއްޖެނަމަ މި ޕާޓީގެ ވޯޓުގެ ނިސްބަތަކީ 20 ޕަސެންޓަށް ވުރެ މަދު އަދަދެއް ކަމަށް ވެދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް. ނިކުމެ މިހުރީ މި ޕާޓީގެ މެމްބަރުންނާ މި ޕާޓީ ހަވާލުކުރުމަށް." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމުގެ ފުރުސަތު އެންމެ ބޮޑީ އެމަނިކުފާނަށް ކަމަށް ރައީސް ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ.