Last Updated: April 25, 09:17
Thursday, April 25, 2024
ޚަބަރު

މަޑިތަކަށް ގޯނާކުރާކަން ފާހަގަކުރެވޭ: އީޕީއޭ

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން އެންމެހާ މަޑީގެ ބާވަތްތަކަށް ގެއްލުން ލިބޭ ފަދަ އެއްވެސް އަމަލެއް ހިންގާ ނަމަ އެފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ މިއީ ޗުއްޓީ ދުވަސްވަރަށްވެފައި އަތޮޅުތެރެއަށް ދަތުރުކުރުން އިތުރުވެ ރާއްޖޭގެ ގުދުރަތީ ރީތި މާހައުލުގައި ފަތުރުވެރިކަމާއި ގުޅޭ ސްނޯކްލިންގ، ޑައިވިން، ކްރޫޒިން ފަދަ ހަރަކާތްތައް އިތުރުވާ ދުވަސްވަރެއް ކަމަށެވެ. މިއާ އެކީ ގުދުރަތީ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ އެހެނިހެން ބާވަތްތައް ބަލާލުމުގެ ޝައުގުވެރިކަމަށް ބޮޑު ޑިމާންޑެއް ލިބޭ ދުވަސްވަރެއް ނަމަވެސް ދަތުރުކުރުމުގަ އާއި ސްނޯކްލިން، ޑައިވިން، ކްރޫޒިން އަދި މޫދަށް އެރިއުޅުމުގައި ހިމާޔަތްކުރެވިފައިވާ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ބައެއް ފަރާތްތަކުގެ އަމަލުތައް ބެހެއްޓުމަކީ ހިތާމަކުރާ ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.

އެތަނުން ކަނޑުފަޅުގެ ދިރުންތަކަކީ އޮޅު ޖަނަވާރުކަމުގައި ނުވެފައި، އެ ތަކެތީގައި އަތްލައި، ކާންދީ ހެދުމަކީ އޭގެ ޠަބީޢީ ގޮތްތަކަށް އަދި ގުދުރަތީ ނިޒާމަށް ބުރޫ އަރައި، އެކި ކަހަލަ ބަލިތަކަށް ދިރުންތައް ހުށަހެޅިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

"އެހެންކަމުން، ކަނޑުފަޅުގައި އުޅަނދުފަހަރު ދުއްވާއިރުގައާއި ފަތުރުވެރިކަމާއި ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ބާވަތެއްގެ މަޑީގެ ގުދުރަތީ ދިރިއުޅުމަށް ބޫރޫ ނާރާނެ ގޮތަށް މަދުވެގެން 3 މީޓަރު (10 ފޫޓު) ދުރުން މަޑީގެ ހިތްގައިމު މަންޒަރު ބަލާލުން އެއީ އެންމެ އެކަށީގެންވާ ގޮތެވެ،" އީޕީއޭ އިން ބުންޏެވެ. "އަދި ބައެއް މަޑީގެ ދިރުންތަކަކީ ކާނާހޯދުމަށް ލޮނުގަނޑު ކައިރިން ހަރަކާތްތެރިވެ އުޅޭ ދިރުންތަކަށްވާތީ މި ހާލަތްތަކުގައި އެސޮރުމެންނަށް ގޯނާނުވާ ގޮތަށް އުޅަނދުފަހަރުގެ ދުވެލި ދަށްކޮށް، އަދި މޫދަށް އެރި އުޅޭ ފަރާތްތަކުން ވެސް މަޑިއަށް އުނދަގޫ ނުވާނެ ފަދައިން ހަރަކާތްތައް ގެންގުޅުމަށް ނަސޭހަތްތެރިވަމެވެ."

އެތނުން ބުނި ގޮތުގައި އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ގިނަ ބާވަތްތަކަކީ ބައިނަލްއަގުވާމީ އެކި މުއާހަދާތަކާއި ޖަމިއްޔާތަކުން "ނެތެމުންދާކަން" ނުވަތަ "މަދުވަމުންދާކަން" ވެސް ފާހަގަކޮށްފައިވާ ބާވަތްތަކެއް ކަމަށެވެ. ހާއްސަކޮށް އެންމަޑީގެ ދެ ބާވަތް ކަމަށްވާ ރީފް މަންޓާ ރޭ އަކީ "ވަލްނަރަބަލް" އަދި ”ޖަޔަންޓް އޯޝަނިކް މަންޓޭ ރޭ“ އަކީ "އެންޑޭންޖަޑް" ދިރުންތަކެއްގެ ގޮތުގައި އައި.ޔޫސީއެން ރެޑް ލިސްޓްގައި ވެސް ހިމަނާފައި ވެއެވެ.

"މީގެއިތުރުން މި ދިރުންތަކަކީ މިސަރަހައްދުގެ އެހެން ގައުމުތަކުން ވަރަށް ފުޅާދާއިރާއެއްގައި ބާނަމުންދާ ދިރުންތަކަށްވެފައި އަދި ވިހާ އާލާވުމަށް ދިގުމުއްދަތެއް ނަގާ ދިރުންތަކަށް ވާތީ އޭގެ އާބާދީތައް ދެމެހެއްޓުމުގައި ދިވެހި ރާއްޖޭގެ އަމާން ކަނޑުފަޅުގެ ސަރަހައްދުތައް ވަރަށް މުހިއްމު ދައުރެއް އަދާކުރަން ޖެހެއެވެ." އީޕީއޭ އިން ބުންޏެވެ. ވީމާ އެންމަޑި"، ވައިފިޔަމަޑި އަދި މަޑީގެ އެހެނިހެން ބާވަތްތަކަކީ ރާއްޖޭގެ އިޤުތިޞާދާއި އިޖުތިމާއީ ހަރަކާތްތަކާ ގުޅިލާމެހިފައިވާ ދިރުންތަކަށް ވީހިނދު މުސްތަގުބަލުގެ ޖީލުތަކަށްޓަކައި ގުދުރަތީ މި ވަސީލަތް ރައްކާތެރިކަންމަތީ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. އަދި މަޑީގެ ބާވަތްތަކަށް ގެއްލުން ލިބޭ ފަދަ އެއްވެސް އަމަލެއް ހިންގާ ފަރާތްތަކާ މެދު މި އޭޖެންސީން ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަން ވެސް އަންގަމެވެ."