Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ލަންކާގައި އުޅޭ ދިވެހިންނަށް ޤުރުއާން ކޯސް ހިންގަނީ

ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލީ ފާއިޒު އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

އެގޮތުން ސަފީރު އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާގައި ހުކުރު ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރޭ ޚުޠުބާ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާގުޅޭ ގޮތުންނާއި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށް ޤުރުއާން ކޯސްފަދަ ކޯސްތައް ހިނގޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސަފީރު އެދިވަޑައިގެންނެވި ފަދައިން، މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން އިސްލާމްދީން ފެތުރުމާއި، އިސްލާމްދީނުގެ މަޢުލޫމާތުތައް ފޯރުކޮށްދީ، ޤުރުއާން ކޯސްފަދަ ކޯސްތައް ހިންގޭނެ ގޮތްތަކަށް ބައްލަވާލައްވާ އެކަންކަން ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.

އަދި އިސްލާމީ ތަޢުލީމު ފޯރުކޮށްދީ، ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ލަންކާއަށް ވަޑައިގެން، ލަންކާގައި ތިއްބަވާ ދިވެހިންނަށް ދަރުސް ދެއްވުންފަދަ ކަންކަން ކުރެއްވޭނެ ގޮތްތައް ބައްލަަވައި، އެގޮތަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ. އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަން ފަހިކޮށްދިނުމަށްޓަކައި، ސަފީރާއި ގުޅިގެން އެ މަސައްކަތްކުރިއަށް ގެންދަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.