Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ސިޓީ ސްކޮޔާ ހަފުލާތަކަށް ކުއްޔަށް ދޫކުރަނީ

ސިޓީ ސްކޮޔަރ - އައްޑޫސިޓީ ކައުންސިލް މީޑިއާ

އައްޑޫ ސިޓީގެ ސިޓީ ސްކޮޔާ އެކި ޙަފްލާތަކަށް ކުއްޔަށް ދޫކުރުމުގެ އުސޫލު އާންމުކޮށްފި އެވެ.

މި އުސޫލުގެ ދަށުން ސިޓީ ސްކޮޔާ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ޒޯނަކަށް ބަހާލައިގެންނެވެ. އެ ޒޯންތަކަކީ:

– ޒޯން 1: 12 ގަޑިއިރަށް – 5،000ރ.
– ޒޯން 1: 24 ގަޑިއިރަށް – 10،000ރ.
– ޒޯން 2: 12 ގަޑިއިރަށް – 7،000ރ.
– ޒޯން 2: 24 ގަޑިއިރަށް – 14،000ރ.
– ޒޯން 3: 12 ގަޑިއިރަށް – 5،000ރ.
– ޒޯން 3: 12 ގަޑިއިރަށް – 5،000ރ.

ސިޓީ ސްކޮޔާ އިން ސަރަހައްދެއް ކުއްޔަށް ހިފަން ބޭނުންވާނަމަ ކުއްޔަށް ހިފަން ބޭނުންވާ ދުވަހެއްގެ ލަސްވެގެން 10 ދުވަސް ކުރިން އެކަމަށް އެދި އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށް ހުށަހަޅަންޖެހެ އެވެ. ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ކައުންސިލުން އެންގުމުން ކުއްޔަށް ހިފާ ސަރަހައްދަށް ދައްކަންޖެހޭ ފައިސާ އެކީ އެއް ފަހަރާ ފޯމު ހުށަހަޅާތާ ތިން ދުވަސްތެރޭ ދައްކަންޖެހެ އެވެ.

މި އުސޫލުގައިވާ ގޮތުން ސިޓީ ސްކޮޔާގައި އެއްވެސް މަގުސަދެއް ހާސިލުކުރުމަށް ނުވަތަ ސިޔާސީ ހަރަކާތެއް ހިންގުމަށް ނުވަތަ ސިޔާސީ އެއްވުމެއް ބޭއްވުމަށް ސިޓީ ކައުންސިލުން ހުއްދަ ދީގެން ނުވާނެ އެވެ. މި އުސޫލުގެ ދަށުން ސިޓީ ސްކޮޔާ ކުއްޔަށް ދޫކުރެވޭނީ އެންމެ ގިނަވެގެން 24 ގަޑިއިރަށެވެ. އެންމެ މަދުވެގެން 12 ގަޑިއިރަށެވެ.

ސިޓީ ސްކޮޔާގެ އެއްވެސް ސަރަހައްދަކަށް ދުވާ އެއްޗެހި ވެއްދުމަކީ މަނާކަމެއް ކަމަށްވާއިރު މި އުސޫލުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދު ކުއްޔަށް ހިފާފައިވާ ފަރާތުން ކުއްޔަށް ދޫކުރި ސަރަހައްދު އެއްކޮށް ނުވަތަ ސަރަހައްދުން ބައެއްވިޔަސް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ. އެފަދަ އަމަލެއް ހިންގައިފިނަމަ، ކުރި އަމަލެއްގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު 2،000ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސިޓީ ސްކޮޔާ ކުއްޔަށް ހިފުމަށް ނުވަތަ ބުކިން ހެދުމަށް ހުށަހަޅާނީ އެކަމަށްޓަކާ ތައްޔާރުކޮށްފައިވާ ފޯމުންނެވެ. އެ ފޯމު ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.