Last Updated: April 24, 06:35
Wednesday, April 24, 2024
ރިޕޯޓް

ސޮނެވާގެ ވެރިޔާ އަށް ޔޫކޭ އިން ހާއްސަ ޝަރަފެއް

ސޮނެވާ ބްރޭންޑްގެ ދަށުން ރާއްޖޭގައި ރިސޯޓްތަކެއް ހިންގަމުން އަންނަ ސޮނެވާ ރިސޯޓްސްގެ ވެރިޔާ ސޯނޫ ޝިވްދަސާނީ އަށް އިނގިރޭސިވިލާތުން ހާއްސަ ޝަރަފެއް ލިބިއްޖެ އެވެ.

އެ ގައުމުގެ ރަސްގެފާނު ޗާލްސް ތިނެއްގެ މި އަހަރުގެ އޯޑަ އޮފް ދަ ބްރިޓިޝް އެމްޕަޔާ (އޯބީއީ) ލިސްޓްގައި ސޯނޫ ވަނީ ހިމެނި އެވެ. ޓޫރިޒަމާއި އެ ދާއިރާ އިން ތިމާވެއްޓަށް ދޭ ސަމާލުކަމާއި އަދި ކުންފުންޏެއްގެ ހައިސިއްޔަތުން އަދާކުރާ އިޖުތިމާއީ ޒިންމާގެ ދައުރު ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށް، ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސޯނޫ އަށް ވަނީ އޯބީއީގެ އޮފިސާގެ ޝަރަފު ދީފަ އެވެ.

މިކަމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އޯބީއީ ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަފަރަކާއި ހިތްވަރެއް ކަމަށެވެ.

"މި ކާމިޔާބީ އަހަރެން ހާއްސަކުރާނީ ސޮނެވާ އާއިލާ އާއި ގާތް މީހުންނަށް." ސޮނެވާގެ ބާނީ އަދި ސީއީއޯ ވިދާޅުވި އެވެ.

ސޯނޫ ވިދާޅުވި ގޮތުގައި އަބަދު ވެސް އޭނަގެ އެންމެ މޮޓޯ އަކީ ކުރައްވާ ކޮންމެ ކަމެއް ވެސް ވަރަށް ރަނގަޅަށް އަދި އެންމެ މަތީ ފެންވަރުގައި ކުރެއްވުމެވެ. އެގޮތުން ސޮނެވާގެ ރިސޯޓްތައް ޓޫރިސްޓުންގެ މެދުގައި މަގުބޫލުވުމާއި ރާއްޖޭގައި ވެސް ސޮނެވާ އަށް ލިބިފައި އޮތް މަގުބޫލުކަމަކީ ރާއްޖޭގެ ކޮމިއުނިޓީއާ އެކި ބާއްވަވާ ގާތްކަން ކަމަށް ވިދާޅުވި އެވެ.

"ސޮނެވާ އަކީ ޓޫރިސްޓުންނަށް މަތީ ފެންވަރުގެ ހިދުމަތްތައް ދިނުމުގެ އިތުރަށް ކައިރި އާއި ދުރުގައި ވެސް ވާ ކޮމިއުނިޓީ އަށް އެކިއެކި ގޮތުން އެހީވާން އަބަދު ވެސް މަސައްކަތްކުރާނެ ބައެއް. އަދި ވަކިން ހާއްސަކޮށް ތިމާވެއްޓަށް ސޮނެވާ އިން ވަރަށް ބޮޑު އިސްކަމެއް ދޭނެ." ސޯނޫ ވިދާޅުވި އެވެ.

އިނގިރޭސި ތަހުތުން އަރުވާ އޯބީއީގެ އޮފިސަރެއްގެ ޝަރަފު އޭނަ އަށް ލިބިވަޑައިގަތް އިރު، ސޯނޫ، 58، އަކީ އިނގިރޭސިވިލާތަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އޭނަ އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި އީޓަން ކޮލެޖްގެ ގްރެޖުއޭޓެކެވެ.

ސޯނޫ އަކީ ސިކްސް ސެންސެސް އެންޑް ސްޕާގެ ވެސް ބާނީ އެވެ. އަދި އޭގެ ކުރީގެ ސީއީއޯ އެވެ.

ސޮނެވާ އިން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރޭގައި ސޮނެވާފުށި، ސޮނެވާ ޖާނީ އަދި ސޮނެވާ އަކްއާ ހިމެނެ އެވެ. އެ ކުންފުނިން ތައިލޭންޑްގައި ޕްރޮޕަޓީތައް ހިންގަ އެވެ.

ޗާލްސްގެ އޯބީއީ ލިސްޓްގައި އެކި ދާއިރާތަކުން މި ފަހަރު އިނގިރޭސިވިލާތުގެ 1،100 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ.