Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އަލިފުށީގައި ކެންސަރު ގިނަވެ، ދިރާސާއަކަށް އެދިއްޖެ

ރ އަލިފުށީގައި ކެންސަރުޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމާ ގުޅޭ ދިރާސާއެއް ކޮށްދިނުމަށް، އެރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންފި އެވެ.

އަލިފުށީ ކައުންސިލުން މިކަމަށް އެދުނީ ރައީސް ސޯލިހް މިހާރު އަލިފުއްޓަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު އަލިފުށީ ކައުންސިލާއި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މިބައްދަލުވުމުގައި އަލިފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ވަނީ އަލިފުށީ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރަން ބޭނުންވާކަމާއި، އަދި އަލިފުށީގައި ކެންސަރުބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ބޭނުންވެފައިވާ ކަމަށް ބުނެފަ އެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އަލިފުށީގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މަޝްރޫތައް ގޮސްފައިވާ ހިސާބާއި، އަދި ރޭވިފައިވާ މަޝްރޫއުތަކުގެ މަޢުލޫމާތު ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ހިއްސާކުރެއްވި އެވެ.

އަލިފުށީގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކުރައްވައި ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.