Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ފްލައި ދުބާއީ އައްޑޫ ދަތުރު ޖޫން އަށް ފަސްކޮށްފި

ފްލައި ދުބާޢި ދަތުރުތަށް ޖޫން މަހުގެ ފަހުކޮޅަށް ފަސްކޮށްފައިވާ ކަމަށް ފްލައި ދުބާއީގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އިނަރ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އިނަރ މޯލްޑިވްސް އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، ފްލައި ދުބާއީ ދަތުރުތަށް ފަސްކޮށްފައިވަނީ ޖޫން މަހުގެ 24 އަށް ކަމަށެވެ. މީގެ ކުރީން މިދަތުރުތަށް ފަށަށް ހަމަޖެހިފައި އޮތީ އަންނަ މަހުގެ 4 ވަނަ ދުވަހުއެވެ. މިއާއެކު ދަތުރުތަށް 16 ހަފްތާއަށް ލަސްވެގެންދާނެއެވެ.

އިނަރ މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުތަށް ފަސްކުރަން ޖެހުނީ، ޓުއަރ އޮޕަރޭޓަރުންނަށް ރާއްޖޭގެ ދެކުނުގެ ޕްރޮމޯޓް ކުރުމަށް ވަގުތު ބޭނުންވާތީ ކަމަށެވެ. މިގޮތުން މި 16 ހަފްތާ ތެރޭ 8 ފެއަރ އެއްގައި ބައިވެރިވާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މިކަމާއި ގުޅޭގޮތުން އައްޑޫލައިވްއަށް މައުލޫމާތު ދެމުން އިނަރ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ފިރާޤް ވިދާޅުވީ، ލަސް ކުރަން ޖެހުނީ ޓުއަރ އޮޕަރޭޓަރުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި މިހާރުވެސް ބައެއް ރިސޯޓުތަކާއި ގެސްޓް ހައުސްތަކުން ޑޮމެސްޓިކް ޓްރާންސްފާ އެގްރީމެންޓް ނުފޮނުވާއިރު، މިކަމަށްވެސް އިތުރަށް ވަގުތު ބޭނުންވާ ކަމަށެވެ.

އިނަރ މޯޅްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު، ފޮޓޯ: ޝަރަފު/އައްޑޫލައިވް

ފިރާޤް ވިދާޅުވި ގޮތުގައި ފްލައި ދުބާއީ އައްޑޫއަށް ޖެއްސި ކަމުގައިވިއަސް ފަތުރުވެރިން އަންނަނީ ދެކުނުގެ 4 އަތޮޅަށް ކަމަށް ވުމުން މި އެއްބަސްވުންތައް ނެތި ޑޮމެސްޓިކް ކަނެކްޝަން ނުދެވޭނެ ކަމަށެވެ.

ފިރާޤް ވިދާޅުވި ގޮތުގައި، މިހާރު ޓިކެޓް ނަގާފައި ތިބި ފަރާތްތަކަށް މާލެއިން، ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫއިން ފުރާ ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2 ދުބާއީ ދެދުވަހު ހުރުމާއި އެއްކޮށް ޑޮމެސްޓިކް ފްލައިޓް ދޭނެ ކަމަށް ފިރާޤް ވިދާޅުވިއެވެ. އަދި މިގޮތަށް ޙިޔާރު ނުކުރާ ފަރާތްތަކަށް އެއްކޮށް ރީފަންޑް ކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.

ފްލައި ދުބާއީ ދަތުރުތައް އައްޑޫއަށް ފެށުމަށް އޮތީ ވަރަށް ބޮޑަށް ތާއްޔާރުވާން ފަށާފައެވެ. މިގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަދި އައްޑޫއިން ތައްޔާރީތައް ވާން ފަށާފައިވާއިރު، ފުވައްމުލައް އަދި ހުވަދޫއަށް އަށް ފަތުރުވެރިން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހުވަދޫ ކަނެކްޝަން ފޯރުކޮށްދޭން ޖެހެނީ މޯލްޑިވިއަންއިންނެވެ.