Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ޗާލު މިސްކިތް" ފަންޑަށް އިއްޔެ 313،000ރ.

މާލޭގެ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފަންޑް ހޯދަން މާލެ ސިޓީ ކައުންސިލުން އިއްޔެ މާލޭގައި ފެށި "ޗާލު މިސްކިތް" ފަންޑް ރެއިޒިން ހަރަކާތަށް އިއްޔެ 313،000 އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ކައުންސިލުން ބުނީ އިއްޔެގެ ހަރަކާތް ނިންމާލި އިރު ލިބުނު ޖުމްލަ އަދަދަކީ 313,397.90ރ. ކަމަށެވެ. އަދި އެހީ ދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ.

"ޗާލު މިސްކިތް" ފަންޑް ރެއިޒިން އިވެންޓް މިއަދު ވެސް ކުރިއަށް ގެންދާނެ އެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައި މިސްކިތްތަކުގެ މަރާމާތަށް މަދުވެގެން 9 މިލިއަން ރުފިޔާ ބޭނުންވެ އެވެ.


އެ ހަރަކާތް އިއްޔެ ހަވީރު އާޓިފިޝަލް ބީޗުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ކައުންސިލަށް ދީފައި ވަނީ އެއް މިލިއަން ރުފިޔާ ކަމަށާއި މާލެ ސަރަހައްދުގެ މިސްކިތްތަކުގެ މަރާމާތަށް އިތުރަށް ފައިސާ ބޭނުންވާ ކަމަށެވެ. އަދި ކައުންސިލްގެ އެކްޝަން ޕްލޭނުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ހިމަނާފައި ވާނީ މާލެ ސަރަހައްދުގެ މިސްކިތްތައް ޒީނަތްތެރިކޮށް ބެހެއްޓުންކަން ކަމަށާއި އެކަމަށް ސަރުކާރާއި އާންމުންގެ އެހީ ވެސް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ "ޗާލު މިސްކިތް" ފަންޑް ރައިޒިން ހަރަކާތަކީ އާންމުންގެ އެހީ ހޯދަން ފެށި ހަރަކާތެއް ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިހާރު ވެސް މާލޭގެ މިސްކިތްތަކުގެ މަރާމާތަށް 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރި އިރު ފަންޑް ރައިޒިން ހަރަކާތަކީ ކުރިއަށް އޮތް ރޯދަ މަހަށް ބޭނުންވާ އާބާތުރަފިލުވުމަށް ފަންޑު ހޯދަން ކުރިއަށް ގެންދާ ކަމެއް ކަމަށް ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ ކުރިން ވެސް މިސްކިތްތަކުގެ މިފަދަ ކަންކަމަށް އާންމުންގެ ބޮޑު އެހީއެއް ލިބޭ ކަމަށެވެ.

"ޗާލު މިސްކިތް" ފަންޑް ރެއިޒިންގެ ތެރެއިން ފައިސާ ހަދިޔާކުރަން ބޭނުންވާ މީހުންނަށް ކައުންސިލްގެ އެކައުންޓް 7730000467623 އަށް ވެސް ފައިސާ ޖަމާކުރެވޭނެ އެވެ.