Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ކުނި މެނޭޖްކުރުމުގެ ކެމްޕޭނެއް ދުވާފަރުގައި

އެމްޑަބްލިޔުއެސްސީ އިން ރ.ދުވާފަރުގައި "ނަލަ ދުވާފަރު" ގެ ނަމުގައި ކެމްޕޭނެއް އިފްތިތާޙް ކޮށްފި އެވެ.

މިކެމްޕޭން އިފްތިތާޚް ކޮށްދެއްވީ ދުވާފަރުގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާޙު އެވެ.

"ނަލަ ދުވާފަރު" ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ ދުވާފަރު ނަލަ، ސާފު ރަށެއްގެ ގޮތުގައި ބޭއްވުމާއި އަދި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް އިރުތަށް ފަސޭހަ ކޮށްދިނުމެވެ. މި ކެމްޕޭނުގެ ތެރެއިން، ކުނީގެ ބާވަތްތައް ވަކިކުރުމަށް ޚާއްސަ ޑަސްބިންތަކެއް، ދުވާފަރުގެ ކޮންމެ ގޭބިސީއަކަށް ހަވާލުކުރެވިގެންދާއިރު ދުވާފަރުގެ ރައްޔިތުންގެ މެދުގައި ކުނި މެނޭޖްކުރުމުގެ އުސޫލްތަކަށް އިތުރަށް އަހުލުވެރިކުރުމަށް، ޑޯ-ޓު-ޑޯ ކެމްޕެއިނެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ،

"ނަލަ ދުވާފަރު" ކެމްޕެއިން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ނިންމާލީ ދުވާފަރު ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްއަކުންނެވެ. މި ޕްރޮގްރާމްގައި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި، މުވައްޒަފުންނާއި، ދުވާފަރުގެ ކައުންސިލް އާއި، މުއައްސަސާތަކާއި އަދި ދުވާފަރުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފަ އެވެ.

މިކެމްޕޭނާއި ގުޅިގެން ދުވާފަރުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން މިއަދު "ކުޑަކުދިންނާއިއެކު އެމް.ޑަބްލިޔު.އެސް.ސީ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑަބްލިއުއެސްސީ ގެ އަމާޒަކީ ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައި ދުވާފަރުގައި ކުނި މެނޭޖުކޮށް ސާފު މާހައުލެއް ދުވާފަރުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ. މިގޮތުން އެ ކުންފުނިން އަންނަނީ ފެނާއި ނަރުދަމާގެ ހިދުމަތުގެ އިތުރުން ކުނި މެނޭޖުކުރުމާއި، ކަރަންޓް އަދި މަސްވެރިންނަށް ބޭނުންވާ އައިސްގެ ހިދުމަތްވެސް ރ. ދުވާފަރުގައި ފޯރުކޮށްދެމުންނެވެ.