Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް

އައްޑޫ މަގު ހެދުން: އިސްލާހު ކުރަން ގިނަ ކަންކަން!

އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ޖީކޭޑީން ކުރިއަށް ގެންދާ މަސައްކަތް / ފޯޓޯ: އައްޑޫލައިވް

އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ދެ ބަޔަކަށް ބަހައި އިންޑިއާ ދެ ކުންފުންޏަކާއި ވަނީ ހަވާލުކުރެވިފައެވެ. މީގެ ތެރެއިން މަޝްރޫޢުގެ ބޮޑުބައި ހަވާލުވެފައިވަނީ އެފްކޮންސް ކުންފުންޏާއިއެވެ. ނަމަވެސް އެފްކޮންސްއަށް ވުރެ ކުރިން މަގު ހެދުމުގެ މަސައްކަތް ޖީކޭ ޑިވެލޮޕްމެންޓް ނުވަތަ ޖީކޭޑީއާއި ވަނީ ހަވާލުކޮށްފައެވެ. އެކުންފުންޏާއި ހަވާލު ކޮށްފައިވަނީ އައްޑޫގެ 18 މަގެއްގައި ތާރުއަޅައި، މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫ ބޮޑު މަގު ރީސާފެސް ކުރުމުގެ މަސައްކަތެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ފެށުނީއްސުރެވެސް ރައްޔިތުންގެ ކަންބޮޑުވުން އެކި ކަންކަމުގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ. ބައެއް މަގުތަކުގެ މަސައްކަތް އެއްބައި ކުރެވި ގިނަ ދުވަސް ވެގެންދާއިރު މަގުތަށް އޮތް ގޮތަކަށް ދޫކޮށްލެވެނީއެވެ. މިމައްސަލައިގެ އިތުރުން މަގުތަކުގެ ޑިޒައިނާއި އަދި މަސައްކަތުގެ ފެންވަރާއި މެދުވެސް ބައެެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ޖީކޭޑީން ކުރިއަށް ގެންދާ މަސައްކަތް / ފޯޓޯ: އައްޑޫލައިވް

އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ޖީކޭޑީ އާއި ހަވާލުކުރެވިފައިވާ މަގުތަކުގެ މަސައްކަތަށް ބަލާއިރު ހިތަދޫ އޮޑަށްސަލި ސަރަހައްދުގެ މަސައްކަތް ފެށިފަހުން 2 އަހަރު ވެއްޖެއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ މަސައްކަތް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދެއެވެ. މިކަން އެކި ފަހަރު މަތިން އެ ސަރަހައްދުގެ ރައްޔިތުން އަދި ކައުންސިލުން ވެސް ވަނީ ފާހަގަކޮށްފައެވެ.

މަސައްކަތް ލަސްވަނީ އިސްލާހުތަކެއް ގެންނަން ޖެހިގެން

މިމައްސަލާގައި އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އައްޑޫ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުގެ ވެރިޔާ އަބްދުﷲ ސާދިޤް، ސޯބެ ވިދާޅުވީ ޖީކޭޑީގެ މަސައްކަތް ލަސްވިއަސް މިވަގުތު ބާރަށް ކުރިއަށް އެބަ ގެންދާ ކަމަށެވެ. މިގޮތުން މިހާރު ޕޭވްމެންޓް މަސައްކަތް ބާރަށް ކުރިއަށްދާކަން ސޯބެ ފާހަގަ ކުރެއްވިއެވެ.

ޖީކޭޑީގެ މަސައްކަތުގެ ތެރެއިން ހިތަދޫ އޮޑަށްސަލި ސަރަހައްދުގެ މަގެއްގައި ތާރުއެޅުމަށް މިދިޔަ އޯގަސްޓް މަހު ތެރޭ މަސައްކަތް ފެށިއެވެ. ނަމަވެސް ތާރު އެޅުމަށް މަގަށް ހިލަ އެޅުމަށް ފަހު، މަސައްކަތް މިހާތަނަށްވެސް ކުރިއަށް ނުގޮސް ވަނީ ހުއްޓިފައެވެ.

ޖީކޭޑީން މިދިޔަ އޯގަސްޓް މަހު ތާރު އަޅަން ތައްޔާރު ކުރި މަގު / ފޯޓޯ: އައްޑޫލައިވް

ކޮޑަގެދަރި މަގުގައި ތާރު އެޅުމަށް ވަކިވަރަކަށް ރެޑީކޮށްފަ އޮތީ. އެހެންނަވަމެސް އެމަގުގައި އަދިވެސް އެބައި 200 ވަރަކަށް މީޓަރު ޕްރޮޖެކްޓުގައި ނުހިމެނޭ ކަމަށް ދޫކޮށްފަ. އަޅުގަނޑުމެންނަށްވެސް ނޭނގޭ ކިހިނެތް ކަމެއް މިން އަޅާފައި އޮތީ އެބައި އިތުރުކޮށް މަަސައްކަތް ކުރިއަށް ގެންދަން މަޑު ޖެހިފައި އޮތީ.

އަދި އޮޑަށްސަލި ސަރަހައްދުގައި ނޭޗަރ ޕާކް ހުރި މަގުތަކުގައި މެދުގައި ގަސްތައް ނެގުމަށް ފަހު މެދުން ހަދާފައިވާ ރިންގްތަށްވެސް މިހާރު ހަދާފައިވާލެއް ފުޅާ ކަމުން އެއަށްވެސް އިސްލާހު ގެނައުމަށް އަންގާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން ސްޓޭޑިއަމް ހިތަދޫގެ ޝަރަފުއްދީން ސްކޫލް ހުރި މަގު ސްޓޭޑިއަމްއާއި ހަމައަށް ތަރައްޤީ ކުރަނީ ޖީކޭޑީއިންނެވެ. މިމަގުގެވެސް ސްޓޭޑިއަމް ސަރަހައްދުގެ ގަމާއި ވީ ފަޅިން ޕޭވްމެންޓް އެޅުމަށް ގާ ޖެއްސިއިރު މަގު ހަނިވެފައިވާ ކަމުގެ ކަންބޮޑުވުންތައް އެ ސަރަހައްދުގައި އުޅޭ ބައެއް އާންމުންވަނީ އައްޑޫލައިވްއާއި ވެސް ހިއްސާ ކޮށްފައެވެ.

މިމައްސަލާއިގައި ޕްލޭނިންގް މިނިސްޓްރީން ވިދާޅުވެފައިވަނީ ޖީކެޑީ ޕްރޮޖެކްޓުގައި ފެން ހިންދާ ނިޒާމަކީ ޖަންކްޝަންތަކާއި އެކު ހޮޅި އަޅާ ގޮތަށް ހަދާ ނިޒާމެއް ކަމަށެވެ. މިގޮތަށް މަގު ހަދާއިރު ބައެއް މަގުތަކުގައި ގްރީއެރިއާއެއް ފެން ހިންދުމަށް އިތުރަށް ލާ ކަމަށާއި، މި ސަރަހައްދުގައި މިގޮތަށް ހެދި ގްރީން އޭރިއާ އާދަޔާ ހިލާފަށް ބޮޑު ކަމަށެވެ. އެހެން ވުމުގެ ސަބަބުން މަގު ހަނިވެގެންދާތީ ކައުންސިލުންވެސް ގްރީން އޭރިއާ ނެގުމަށް އެދިފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

މަސައްކަތުގެ ފެންވަރު މިނިސްޓްރީން ބަލާ

ޖީކޭޑީން ކުރަމުންދާ މަސައްކަތާއި އެފްކޮންސްއިން ކުރަމުންދާ މަސައްކަތަކުގެ ފެންވަރާއި މެދު ސުވާލު އުފައްދަމުންދާއިރު ގިނަ މަސަކައްތަކަށް މިވަނީ އިސްލާހު ގެންނަން ޖެހިފައެވެ. މިގޮތަށް ދިމާވުމުން އެންމެ އެދެވޭ ސްޕީޑެއްގައި މަސައްކަތް ކުރިއަށް ނުދެއެވެ.

މިމައްސަލާގައި ކައުންސިލުން އެތަށް ފަހަރަކު މިނިސްޓްރީއަށް ކަންބޮޑުވުން ފާޅުކޮށް ހުށަހަޅާފައިވާ ކަމަށް މޭޔަރ ނިޒާރު މިދިޔަ ޑިސެމްބަރު މަހު ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. އަދި ކައުންސިލުން އަބަދުވެސް މަގު ހެދުމުގެ މަޝްރޫޢަށް ފާރަވެރިވަމުންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މޭޔަރ ނިޒާރު މަގު ހެދުމާއި ގުޅޭ ގޮތުން ކުރެއްވި ޕޯސްޓް–

ޕްލޭނިންގް މިނިސްޓްރީން ވަނީ އައްޑޫ މަގު ހެދުމުގެ މަޝްރޫޢާއި ގުޅޭ ކަންބޮޑުވުންތައް ހުރި ފަރާތްތަކުން އެފަދަ މައްސަލަތައް ކައުންސިލު މެދުވެރިކޮށް ސަމާލުކަމަށް ގެނައުމަށް އެދިފައެވެ. އަދި މަސައްކަތްތަކުގެ ފެންވަރު މިނިސްޓްރީން ޤަވާއިދުން ބަލާ ކަމަށް މިނިސްޓްރީން ވަނީ ބުނެއެވެ.