Last Updated: April 25, 18:52
Thursday, April 25, 2024
ވިޔަފާރި

ޖެކް މާ "ސައިޒުން ކުޑަވެއްޖެ"

ދެހާސް ވިހިން ފެށިގެން "ނިޒާމުން ގެއްލިފައިވާ" ޗައިނާގެ މަޝްހޫރު މަހުޖަނު ޖެކް މާ، އެންޓް ގްރޫޕްގެ ކޮންޓްރޯލް ހިއްސާ ދޫކޮށްލައިފި އެވެ.

ޗައިނާގެ އެންމެ ބޮޑު އޮންލައިން ޕޭމަންޓް ސިސްޓަމް، އަލިޕޭ ވެސް ހިންގާ އެންޓް ގްރޫޕްގެ ހިއްސާ ޖެކް މާ ދޫކޮށްލި އިރު، އެ ކުންފުނީގައި ސީދާ ގޮތުންނާއި ނުސީދާކޮށް އޭނަގެ 50 ޕަސެންޓަށް ވުރެ ބޮޑު ހިއްސާއެއް އޮވެ އެވެ. ނަމަވެސް ކޮންޓްރޯލް ހިއްސާ ދޫކޮށްލި އިރު، މިހާރު އޭނަގެ ހިއްސާ އަކީ ކުންފުނީގައި އެންމެ 6.2 ޕަސެންޓެވެ.

މީގެ ނުވަ އަހަރު ކުރިން 2014 ގައި ވުޖޫދަށް އައި އެންޓް ގްރޫޕުން ބުނީ ޖެކް މާ ހިއްސާ ދޫކޮށްލުމާ އެކީ ދެން އެއްވެސް މީހަކަށް ކުންފުނީގެ މެޖޯރިޓީ ހިއްސާ ނޯންނާނެ ކަމަށާއި އެ ބަދަލާ އެކީ ކުންފުނީގެ އޮނިގަނޑު އަލުން ރިސްޓްރަކްޗަކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ޖެކް، 58، މާ އަކީ ޗައިނާގެ މަޝްހޫރު ކުންފުނި އަލީބާބާބެ ބާނީ އެވެ. އެ ކުންފުނިން އޭނަ ވަނީ 2019 ގައި އިސްތިއުފާ ދެއްވައިފަ އެވެ.

ޖެކް މާ އަކީ އޭނާގެ ވަރަށް ޒުވާން ދުވަސްވަރު ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރެއްވި މީހެކެވެ. ތިން ކުދިންގެ ބައްޕަގެ މިހާރުގެ މިލްކިއްޔާތަކީ 48.4 ބިލިއަން ޑޮލަރެވެ.