Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ހުރިހާ އުމުރެއްގެ މީހުންނަށް މި އަހަރު ހައްޖަށް ދެވޭނެ

ހުރިހާ އުމުރެއްގެ މީހުންނަށް މި އަހަރު ހައްޖަށް ދެވޭނެ ގޮތަށް ސައުދީ އަރަބިއްޔާ އިން ހަދައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ފާއިތުވި ތިން އަހަރު ދުވަސް ފުރުސަތު ދީފައި ވަނީ 65 އަހަރުން ދަށުގެ މީހުންނަށެވެ.

ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ތައުފީގު އަލް ރާބިއާ ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އޮންނާނެ ކަމަށާއި ކޮވިޑްގެ ކުރިން ހައްޖުގެ އަޅުކަން އަދާކުރުމަށް އައި އަދަދަށް މި އަހަރު މީހުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ހައްޖުގެ އަޅުކަން 2.5 މިލިއަން މީހުން އަދާކުރިއިރު ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީފައި ވަނީ ސައުދީގައި އުޅޭ 1،000 މީހަކަށެވެ. ދެހާސް އެކާވީސް ވަނަ އަހަރު އެ އަދަދު 60،000 އަށް އިތުރުވި އިރު މިދިޔަ އަހަރު 900،000 މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވެ އެވެ.

ހައްޖުގެ އަޅުކަން ކުރުމަށް އަންނަ ފަރާތްތަކުން ސައުދީ ސަރުކާރުން ގަބޫލުކުރާ ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމާ އެކީ ޕީސީއާރް ނެގަޓިވް ޓެސްޓެއް ވެސް ހުށަހަޅަންޖެހެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ސައުދީ ސަރުކާރުން ވަނީ ހައްޖާއި އުމުރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ އަންހެނުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން މަހުރަމަކާ ނުލައި ހައްޖާއި އުމުރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވެސް ދީފަ އެވެ.