Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު

އޭޑީކޭގައި ޑީކޯ ޗެމްބަރުގެ ހިދުމަތް ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވުމުގެ ސަބަބުން ފަރުވާ ދޭނެ ޗެމްބަރުތަކެއް ބަހައްޓައި އެ ހިދުމަތް ދޭން ފަށައިފި އެވެ.

ރާއްޖޭގެ ހޮސްޕިޓަލެއްގައި އަލަށް ފެށި މި ހިދުމަތް އޭޑީކޭ އިން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އޭޑީކޭގެ ހައިޕަބެރިކް ޓްރީޓްމަންޓް ޔުނިޓްގެ ޚިދުމަތް ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އަކީ ޑައިވް ކުރުމަށް ރައްކާތެރި ތަނެއްގެ ގޮތުގައި މަޝްހޫރު ތަނަކަށްކަމަށްވުމާ އެކީ އި ޑީކޯ ޗެމްބަރަކީ ޑައިވް އިންޑަސްޓްރީ އަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށެވެ. ހާއްސަކޮށް ޓޫރިޒަމްގެ ޑިމާންޑް ބޮޑުވަމުން އަންނަ އިރު، މާލެ ސަރަހައްދުގައި މިފަދަ ޗެމްބަރެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭ ހިތްހަމަޖެހުމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ އޭޑީކޭއިން ހަމައެކަނި މާލީ މަންފާ ހޯދުމަށް ދޭން ފަށާ ޚިދުމަތެއްގެ ގޮތުގައެއް ނުދެކެން. އޭގެ ބަދަލުގައި ޑައިވަރުންގެ ސޭފްޓީއަކަށް ދޭ ޚިދުމަތެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ،" މައުސޫމް ވިދާޅުވި އެވެ. "އަޅުގަނޑަށް ހައިޕަބެރިކް އޮކްސިޖެން ޗެމްބާސްތައް ސިފަވީ ހީލިން މެޝިނެއް ގޮތަށް."

އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ހޮސްޕިޓަލެއްގައި މިފަދަ ތެރަޕީދޭ ޔުނިޓެއް ގާއިމުކުރުމަކީ ޑޮކްޓަރުންނަށާއި އެހެން އާންމު ރައްޔިތުންނަށް ވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އެގޮތުން އޭޑީކޭގެ ހައިޕަބެރިކް ތެރަޕީގެ ޚިދުމަތް ލިބޭނީ ހަމައެކަނި ފީނަން ގޮސް އުޅޭ އިރު ދިމާވާ ހާދިސާތަކުން ކުރިމަތިވާ ކަންތައްތަކަށް އެކަނި ނޫން ކަމަށް ވިދާޅުވި އެވެ.

ޑީކޯގެ ޗެމްބަރު ބޭނުންކުރުމަށް އޭޑީކޭ އިން ވަނީ ތިން ޑޮކްޓަރަކު ސިންގަޕޫރުން ތަމްރީންކޮށްފައިވެ އެވެ. އަދި ނަރުހުންނާއި ފަންނީ މީހުން ވެސް ތަމްރީންކޮށްފައިވެ އެވެ.