Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

މުނީޒާ ޔުނިވަސިޓީއެއްގެ ޕްރޮފެސަރަކަށް

ޑރ. އައިޝަތު މުނީޒާ މެލޭޝިއާގެ ޔުނިވަސިޓީ އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައިއެންސީއީއައިއެފް) ގެ ޕްރޮފެސަރަކަށް އައްޔަންކޮށްފި އެވެ.

އޭނަ އަކީ އެ ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މިއާ އެކީ މުނީޒާވެފައި ވަނީ މެލޭޝިއާގެ ޕްރޮފެސަރަކަށް ހަމަޖެއްސި ފުރަތަމަ ދިވެއްސަށެވެ. (އައިއެންސީއީއައިއެފް) ގެ ފެކަލްޓީގެ އެސޯސިއޭޓް ޑީންގެ މަގާމުގައި ވެސް ހުންނެވި މުނީޒާ އަކީ މެލޭޝިއާގެ އިންޓަނޭޝަނަލް ޔުނިވަރސިޓީން ޤާނޫނޫ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މާލީ ދިރާސާތައް ކުރާ އިނގިރޭސިވިލާތުގެ އިދާރާއެއް ކަމަށްވާ ކެމްބުރިޖް އައިއެފްއޭގެ އިސްލާމީ ފައިނޭންސް އިންޑަސްޓްރީގެ އެންމެ ނުފޫޒު ގަދަ އަންހެން ބޭފުޅާގެ އެވޯޑް ވެސް މުނީޒާ އަށް ވަނީ ލިބިވަޑައިގެންފައިވެ އެވެ.

ރާއްޖޭގައި އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ނައިބުކަމާއި ފިނޭންސް މިނިސްޓްރީގެ ނައިބުކަމުގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ މަޤާމު ވެސް ހިމެނެ އެވެ.

މުނީޒާ ވަނީ ރާއްޖެ އަށް އިސްލާމީ ފައިނޭންސް ތައާރަފުކުރައްވައި އިސްލާމިކް ފައިންނޭންސް ހިދުމަތްދޭ ކުންފުނިތައް ރާއްޖޭގައި އުފެއްދެވުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައި އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މުނީޒާ އިސްކޮށް ހުންނަވައިގެން ވުޖީދަށް ގެންނެވި އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ، އެޗްޑީއެފްސީ އަމްނާ އެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި އިސްލާމިކް ބޮންޑު، ސުކޫކްގެ އޮނިގަނޑުވެސް ހެއްދެވީ މުނީޒާ އެވެ.