Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އަންހެން މާލިމީގެ ކާމިޔާބީ ފާހަގަކޮށްފި

ފުލުހުންގެ ފުރަތަމަ އަންހެން މާލިމީ، ސީނިއާ ސާޖަންޓް ސަންފާ އިބްރާހީދީދީގެ ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

ފުވައްމުލަކުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ޙަމީދެވެ. އެ ރަސްމިއްޔާތުގައި، އެ ސިޓީ މޭޔަރު އިސްމާއީލް ރަފީޤް އާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނއި މުވައްޒަފުން އަދި ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވި އެވެ.

ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ފަރާތުން ދިން ހަނދާނީ ފިލަ އާއި ސައުތު ޕޮލިސް ރީޖަންގެ ފަރާތުންދިން ހަނދާނީ ލިޔުން، ފުވައްމުލައް ސިޓީ ކައުންސިލުންދ ދިން ހަނދާނީ ފިލާ އަދި ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހަނދާނީ ފިލާ ސަންފަ ދީފައިވެ އެވެ. އޭނަ އަކީ އިންޖީނުލީ ކަނޑުގެ އުޅަނދު ފަހަރު ދުއްވުމުގެ ލައިންސަންސް ހޯދައި، މާސިންގާ ކަނޑުތަކަށް ފުލުހުންގެ ޚިދުމަތުގައި ނުކުތް ފުރަތަމަ އަންހެން މާލިމީ އެވެ.

ސަންފާ ވަނީ މިދިޔަ އަހަރުގެ ޖޫން 22-29 އަށް ހިންގި ބޭސިކް ސީމެންޝިޕް ކޯސް ކާމިޔާބުކަމާއެކީ ފުރިހަމަކޮށް ކަނޑު އުޅަނދު ދުއްވުމުގެ ލައިސަން ހޯދައިފަ އެވެ.

މެރިން ޕޮލިހާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަދި ޖަޕާން ސަރުކާރު ގުޅިގެން ފުލުހުންނަށް ކުރިއަށްގެންދާ ބޭސިކް ސީމެންޝިޕް ކޯހަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ކަނޑުމަތީގެ އަމަލީ ހަރަކާތްތަކާ އެކު ކުރިއަށް ގެންދާ ކޯހެކެވެ.