Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އައްޑޫ މަގު ހެދުން ސެޕްޓެމްބަރަށް ވުރެ ލަސްވެދާނެ

އެފްކޮންސް އިން ކުރިއައް ގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ހިތަދޫ މަގުތަށް / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން އެފްކޮންސްއިން ކުރިއަށް ގެންދާ މަސައްކަތަށް ގޮންޖެހުންތަކާއި އެކު ކޮންމެވެސް ވަރަކަށް ލަސްވެދާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން ހާމަކޮށްފިއެވެ.

މަގު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ

އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން އެންމެ ބާރަށް ކުރިއަށްދަނީ އެފްކޮންސް ކުންފުނިން މިހާރު ކުރިއަށް ގެންދާ މަސައްކަތެވެ. މިމަސައްކަތުގެ ދަށުން އެކުންފުނިން ގިނަ މަސައްކަތަކެއް ކުރަމުންދާއިރު އައްޑޫސިޓީ ކައުންސިލުން ވަނީ މަގު ހެދުމުގެ މަޝްރޫޢު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ބުނެފައެވެ. އައްޑޫގެ 100 ކިލޯމީޓަރުގެ މަގު ރަނގަޅު ފެންވަރަކަށް ހެދުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވާއިރު މަގު ހެދުމުގެ މަސައްކަތް މިހާރު ހުރިހާ ރަށެއްގައިވެސް ކުރިއަށް އެބަ ގެންދެއެވެ.

އައްޑޫސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މިމަހުގެ 15 ދުވަހުގެ ނިޔަލަށް މިހާތަނަށް ހިތަދޫގެ 14.2 ކިލޯމީޓަރުގެ މަގުގައި ސިމެންޓް ޓްރީޓެޑް ބޭސްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ހިތަދޫގައި 51 ކިލޯމީޓަރު މަގު ރަނގަޅު ފެންވަރަށް ހަދައި ފެން ހިންދާ ނިޒާމު ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މަރަދޫ އަދި މަރަދޫ އަދި މަރަދޫ-ފޭދޫގައި މިހާރު ޑަކްޓިން އަދި ފެން ހިންދާ ނިޒާމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން ފޭދޫގައި މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ތާރު އަޅާ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެފްކޮންސް މަސައްކަތް ކުރުމުގައި ގޮން ޖެހުންތަކެއް

އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން އައްޑޫ ޕްރޮޖެކްޓް ސަރުކާރުގެ ފަރާތުން އިސްވެ ބައްލަވަމުން ގެންދަވާ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤް ވިދާޅުވީ، އެފްކޮންސް މަސައްކަތުގެ ތެރެއިން ހިތަދޫގެ ތާރު އެޅުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތަށް ކުރިއަށް ނުގޮސްވާ ގިނަ ސަބަބުތަކެއް ހުރި ކަމަށެވެ. އެގޮތުން ހިތަދޫގެ މާމެންދޫ ސަރަހައްދުގައި ފާހާނާ ހޮޅި އަދި ފެން ހޮޅީގެ މައި ހޮޅިވެސް ނޭޅި އޮތްއިރު، ތާރު އެޅުމަށް ނިންމާފައިވާ މަގުތަކުގައި ކްރޮސްއޯވާ ނާޅާ ކުރިއަށް ނުގޮސް ހުރިކަން އޭނާ ފާހަގަ ކުރިއެވެ.

މިމައްސަލަ ހައްލު ކުރުމަށް ކްރޮސްއޯވާތަށް އިންޑިއާއިން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށާއި، މިނިސްޓްރީން ގޮސް ފެކްޓްރީގެ މަސައްކަތް ބަލާ މިހާރު އެޕްރޫވްވެސް ކޮށްފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ. އަދި ނަރުދަމާއާއި ފެނުގެ މަސައްކަތް ފެނަކައިން ކުރަން ޖެހޭ މަސައްކަތެއް ކަމަށް ސޯބެ ވިދާޅުވިއެވެ.

އެފްކޮންސް އިން ކުރިއައް ގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ހިތަދޫ މަގުތަށް / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

މީގެ އިތުރުން ޖަންކްޝަންތައް ރަށު ތެރޭ އަޅާފައި ހުރިއިރު، މަގު ހަދާ ލެވެލްގައި އެއްވެސް ޖަންކްޝަނެއް ނެތުމުގެ އެ މައްސަލަވެސް ކުރިމަތިވެފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ. މިގޮތަށް ދިމާވެފައިވާ ބައެއް މަގުތަކުގައި އެއްބައި ތާރު އެޅި ބާކީ މަސައްކަތް ކުރިއަށް ނުގޮސް ވަނީ މަޑު ޖެހިފައެވެ.

"މަގު ހަދަމުންދަނީ މިހާރު ކޮންމެ ރަށެއްގެ ލިންކް ރޯޑާއި ބޮޑުމަގަށް ބަލައިގެން. މި ދެމަގަށް ބަލައި ކުރިން އަޅާފައި ހުރި ހުރިހާ އެއްޗަކަށް ބެލިގެން މަގުގެ ސާފެސް ލެވެލް މި ހޯދަނީ." ސޯބެ ވިދާޅުވިއެވެ. "ލިންކް ރޯޑަށް ވަނި އުސްކޮށްވެސް ތިރިކޮށްވެސް ނުހެދޭނެ ތާ. އެ ލެވެލްތަކަށް ބެލިގެނެއް ނޫން ފާހަނާގެ ޖަންކްޝަންތައް ބަހައްޓާފައި ހުރީ."

ބައެއް މަގުތަކުގައި 2 ފޫޓު އަޑީގައިވެސް މި ޖަންކްޝަންތައް ހުރިއިރު، ތަންކޮޅެއް ކުރީން ފެނަކައިން މިމަސައްކަތް ކުރި ނަމަވެސް މިހާރު ޙަރަދު ބޮޑުވުމުން ނުވާނެ ކަމަށް އަންގާފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ. އެހެން ކަމުން އެފްކޮންސް އާއި މިމަސައްކަތް ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފްކޮންސް އިން ކުރިއައް ގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ހިތަދޫ މަގުތަށް / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ މަގު ހެދުމުގެ މަސައްކަތް ޓައިމްލައިނަށް ޑިލޭތަކެއް!

މަސައްކަތް ބާރަށް ކުރިއަށް ދިޔަނަމަވެސް މީގެ ކުރީން މިގޮތަށް ޕްލޭން ނުވެ ކުރެވި ތިބި މަސައްކަތުގެ ސަބަބުން، މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލަސްވުމެއް އަތުވެދާނެ ކަމަށް މިނިސްޓްރީން ލަފާ ކުރެއެވެ. މިގޮތުން ކްރޮސްއޯވާތަކާއި ކޭބަލް ޑަކްޓުގެ ސްކޯޕަށް ބަދަލު އައުމާއި އެކު މަސައްކަތުގެ ޓައިމްލައިނަށް ފުދޭ ވަރެއްގެ އަސަރެއް ކޮށްފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

" ޓައިމްލައިންއަށް ބަދަލުތަކެއް އައިސްފި. އެންމެ ކުރީން ވާހަކަ ދައްކަމުން އައީ ސެޕްޓެމްބަރާއި ހަމައަށް ނިންމަން. އެކަމަކަމު މިހާރު އެއަށް ވުރެ ލަސް ވެދާނެ "

އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ އައްޑޫގައި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއެވެ. އަދި މިއީ ލިންކް ރޯޑަށް ފަހު އައްޑޫގައި ކުރިއަށްދާ އެންމެ ބޮޑު މަގު ހެދުމުގެ މަޝްރޫޢު ކަމަށް ދާދި ފަހުން އައްޑޫއަށް ކުރެވި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްވަނީ ވިދާޅުވެފައެވެ.