Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ޗައިނާ ޓޫރިސްޓުންނާ އެކީ އުންމީދީ އަހަރެއް

މި އަހަރު ނިމުމުގެ ކުރީން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް މާކެޓުގެ ތެރޭގައި ޗައިނާ ހިމެނޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ތިން އަހަރަށް ފަހު ރާއްޖެއަށް ޗައިނާއިން މިވަނީ ފަތުރުވެރިން އައިސްފައެވެ. މިއީ ކޯވިޑާއި ގުޅިގެން ޗައިނާގެ ބޯޑަރު ބަނދުކޮށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ފަހު ޗައިނާ މާކެޓު އަލުން ފެށި ފަހަރެވެ. އީއްޔެ ޖެއްސި ޗައިނާގެ ފްލައިޓުން 198 މީހުން އައިސްފައިވާ އިރު މިއީ ޗައިނާއިން ރާއްޖެއަށް ތިން އަހަރު ތެރޭ އައި ފުރަތަމަ ފްލައިޓެވެ.

ޗައިނާ މަކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވަރަށް މުހިންމު މާކެޓެކެވެ. މިގޮތުން 2010 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށްވެސް ޗައިނާ މާކެޓް ވެގެން ގޮސްފައިވަނީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ މާކެޓަށެވެ. ނަމަވެސް ކޯވިޑާއި އެކު މިމާކެޓު ރާއްޖެއަށް ގެއްލިގެން ދިޔައެވެ.

ޗައިނާއިން އައި ފުރަތަމަ ފްލައިޓުން ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ފަހު، މައުސޫމް ވިދާޅޫވީ، މި އަހަރަކީވެ ސް ޗައިނާ މާކެޓް ހުޅުވިގެން ދިއުމާ އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރަކަށް ވެގެން ދާނެ ކަމަށެވެ. އަދި މިއަހަރުގެ އެންމެ ވަރުގަދަ 3 މާކެޓު ތެރޭގައި ޗައިނާ މާކެޓު ހިމެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޕްރޮމޯޓްކުރަން ގިނަ މަސައްކަތަކެއް ކުރެވިފައިވާ އިރު އިންޑަސްޓްރީ އޮތީ ތައްޔާރަށް ކަމަށް މައުސޫމް ވިދާޅުވި އެވެ.

ޗައިނާ މާކެޓުން ފަތުރުވެރިން 3 އަހަރަށް ފަހު އަންނަން ފެށުމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާ އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ތައްޔިބް މުހައްމަދު ވިދާޅުވީ، ޗައިނާ އަކީ ޕެންޑެމިކްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސޯސް މާކެޓެއްގެ ގޮތުގައި ގިނަ ދުވަހު އަތް ގައުމެއް ކަމަށެވެ. އަދި މި ދަތުރުތަކާއެކު ޗައިނާ ފަތުުރުވެރިން ރާއްޖޭގެ ޗާޓުތަކުން އަލުން ކުރި ހޯދާނެ ކަމަށް ދެކޭ ކަމަށް ވިދާޅުވިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް 1.7 މިލިއަން ފަތުުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު މީގެ ތެރެއިން ޗައިނާއިން އެކަނިވެސް 284،029 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. މިއީ އޭރުގެ މާކެޓް ޝެއަރގެ 16.7 އިންސައްތައެވެ. އަދި 2020 ވަނަ އަހަރު ޕެންޑަމީކާއިއެކު ޗައިނާއިން އައިސްފައިވަނީ 34،245 މީހުންނެވެ. މިއީ މާކެޓް ޝެއަރގެ ގޮތުން 6.2 އިންސައްތައެވެ.